"އާބަން ގްލައިޑް" ގެ ނަމުގައި ހުޅުމާލެގައި ޕަބްލިކް އީ-ސްކޫޓަރގެ ޚިދުމަތް އާބަންކޯއިން ތައާރަފުކޮށްފިއެވެ.
މިޚިދުމަތް ތައާރަފު ކޮށްފައިވާއިރު، މާދަމާއިން ފެށިގެން އީ-ސްކޫޓަރ ދުއްވޭނެ އިންތިޒާމުތައް އާންމުނަށް ހުޅުވާލާނެއެވެ.
މާލޭ ސަރަހައްދުގެ އެންމެ ބޮޑު ޕާކު، ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަދާފައިވާ "އާބަން ގްލައިޑް" ސެންޓަރުން އީ-ސްކޫޓަރ ލިބޭނެ އިންތިޒާމު ހަމަޖައްސައި އާބަންކޯއިންވަނީ އެތަނުގައި ހަތަރު އީސްކޫޓަރ ބަހައްޓާފައެވެ.
މިސްކޫޓަރތައް ދުއްވަން ބޭނުންނާ ކޮންމެ މީހަކަށް ދުއްވޭނެއެވެ.
ސްކޫޓަރ ދުއްވަން ބޭނުންނަމަ ފުރަތަމަ ޖެހޭނީ "އާބަން ގްލައިޑް" އެޕްލިކޭޝަން އަޅައި ރަޖިސްޓްރީވާށެވެ.
ސްކޫޓަރތައް ބަހައްޓާފައި ހުންނަނީ އެކަމަށް ޚާއްސަކޮށް ހަދާފައިވާ ޑޮކިން ސްޓޭޝަންތަކެއްގައެވެ. ބެޓެރިން ދުއްވާ މި އީ-ސްކޫޓަރތައް ޗާޖުކުރާނީވެސް މި ޑޮކިން ސްޓޭޝަންތަކުންނެވެ.
އެ ސްކޫޓަރތައް ދުއްވުމަށް ވަކި ސަރަހައްދުތަކެއް ހުޅުމާލޭގެ މަގުތަކުގައި ވަނީ ކަނޑައަޅާފައެވެ.
އެ ސަރަހައްދުތައް އެނގޭނެހެން މަގުތަކުގައި ނޫކުލައިގެ ރޮގަކުން ފާހަގަކޮށްފައިވެއެވެ. އެ ސަރަހައްދުން ބޭރަށް ނިކުމެއްޖެނަމަ ސްކޫޓަރުން އެލާމް އަޅައި، ހުއްޓޭނެއެވެ.
ސްކޫޓަރ ދުއްވަމުންދާއިރު އާބަންކޯގެ ހާއްސަ ސެންޓަރަކުން ހަރަކާތްތައް މޮނިޓަރކުރަމުންދާނެއެވެ.
ލިބޭ ތަރުހީބަށް ބަލާފައި މިޚިދުމަތް އިތުރަށް ފުޅާކުރާނެ ކަމަށް އާބަންކޯއިން ބުނެއެވެ.