ބޭސްފަރުވާއަށް ރާއްޖޭން ބޭރުގައި ހުންނެވުމަށްފަހު، މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ހުކުމްތަންފީޒް ކުރައްވަމުންގެންދަވާ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ޢަބްދުލް ޣަފޫރު އެނބުރި ރާއްޖެ ވަޑައިގަންނަވައިފިއެވެ.

އަދީބު ރާއްޖެ ވަޑައިގަތީ ހުކުރު ދުވަހުގެ ރޭގައެވެ.

ނާރުގެ ސީރިއަސް ބައްޔަކަށް ފަރުވާ ހޯއްދަވަން ޖުލައި 12 ވަނަ ދުވަހު އެމަނިކުފާނު ވަޑައިގަތީ ސިންގަޕޫރަށެވެ.

މިކަމާ ގުޅިގެން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އޭރު ބުނީ، ރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަ އަދީބަށް ދިނީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް، މެޑިކަލް ބޯޑުގެ ލަފައާއެކު ކަމަށެވެ.

އަދީބު ރާއްޖެއިން ބޭރުގައި ހުންނަ މުއްދަތުގައި އެސަރވިސް އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން އަދީބު މޮނިޓަރ ކުރަމުން ގެންދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ބޭސްފަރުވާއަށް އަދީބު ސިންގޫރަށް ވަޑައިގަންފައިވަނީ ވަނީ 10 ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް އެދިން ފަހަރު މަތިން އެ މުއްދަތު އިތުރުކޮށްދީފައި ވެއެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، އަދި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ 2020 ވަނަ އަހަރުއެވެ. އެއީ ދައުލަތާ އެކު ހެދި އިއުތިރާފު އެއްބަސްވުމާ އެކު ދިން ލުއި އަދަބެވެ.

އަދީބު ޖަލަށްލާން ހުކުމްކުރި ނަމަވެސް ސިއްހީ ސަބަބުތަކަކާ ހެދި އޭނާ ހުކުމް ތަންފީޛުކުރައްވަނީ ގޭ ބަންދުގައެވެ.

އަދީބު ވަނީ ޕެރޯލްގެ ދަށުން އަދަބު ލުއިކުރަން ހުށަހަޅުއްވާފައެވެ. އެކަމަކު އެ ހުށަހެޅުއްވުމަށް އަދި ގޮތެއް ނުނިންމައެވެ.