ސަޢޫދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ރަޙުމަތްތެރިކަމުގެ ގުޅުމުގެ ބިންގަލަކީ ދީނީ އެއްބައިވަންތަކަން ކަމަށް ދިވެހި ޚާރިޖިއްޔާއިން ބުނެފިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ފަރާތުން ފޮނުއްވި ތަޙުނިޔާގެ މެސެޖުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދުގައި ޒަމާނުއްސުރެ އޮތް ގާތް ގުޅުމުގައި، އިސްލާމީ ތަރިކައާއި، ޘަޤާފަތާއި ތާރީޚު ވަރަށް ބޮޑަށް ޝާމިލުވާ ކަމަށެވެ.
އެ ހުރިހާ ކަމަކަށްވުރެ ބޮޑަށް، މު ގުޅުމުގެ އަސްލަކީ އިސްލާމީ އެއްބައިވަންތަކަން ކަމަށާއި އެއްބައިވަންތަކަމުގެ ޢަޒުމަކީ، އަޅުގަނޑުމެންގެ އެކުވެރިކަމުގެ ބިންގާ ހަރުދަނާކޮށްދޭ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރުގެ މެސެޖުގައި މިގުޅުން ކުރިއަށް އޮތް ތާނގައިވެސް، ދެޤައުމުގެ ދެމެދުގައި އިތުރަށް ބަދަހިވެ، ވަރުގަދަވާނެކަން ޔަޤީންކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރާއި ރައްޔިތުންނަށް އެގައުމުގެ ގައުމީ ދުވަހުގެ ތަޙުނިޔާ ދަންނަވައި އެމަނިކުފާނުވަނީ ދުޅަހެޔޮ ސިއްހަތެއްގައި އެބައިމީހުން ލެއްވުން އެދި ދުއާ ދަންނަވާފައެވެ.
މިއަހަރު ފާހަގަކުރަނީ އެގައުމުގެ 94 ވަނަ ގައުމީ ދުވަހެވެ.
ދިވެހިރާއްޖެއާ ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 17 މާރިޗު 1981 ގައެވެ.
ސަޢުދީ އަރަބިއްޔާގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރމަހުގެ 23 ވަނަ ދުވަހެވެ.
ސަޢުދީ އަރަބިއްޔާއަކީ ރާއްޖޭގެ ތަރައްޤީގައި މުހިއްމު ދަޢުރެއް އަދާކުރާ ޤައުމެކެވެ.