ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު ނެގުން އަންނަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް މަޝްވަރާކުރެވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދް ތައުފީގް ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ، ނިޒާމީ ވޯޓު ނަގަން ބާއްވާ އިންތިހާބާއި ގުޅޭގޮތުން ކޮމިޝަންގެ ތެރޭގައި މަޝްވަރާކޮށްފައި އޮތީ އޮކްޓޯބަރު 29 ވަނަ ދުވަހުގަ އެއިންތިހާބު ބާއްވާގޮތަށްކަމަށެވެ. އިންތިހާބަށް ބޭނުންވާ ބަޖެޓް ދީފިނަމަ ނިޒާމީ ވޯޓާއި ގުޅޭގޮތުން، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް، ރައްޔިތުންނަށް މައުލޫމާތުތައް ފޯރުކޮށްދިނުމުގެ މަސައްކަތް ރިޔާސީ އިންތިހާބުގެ ދެެވަނަ ބުރު ނިމުމާއެކު އަންނަ ހަފްތާގައި ފަށާނެކަމަށް ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ ނިޒާމީ ވޯޓު ނެގުމަށް ކުޑަ ވަގުތުކޮޅެއް އޮތްނަމަވެސް، ވަގުތު އޮތް ވަރަކުން މިކަމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަކީ އީސީން ބޭނުނުންވާ ގޮތްކަމަށެވެ.
ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު މުޅި މަޖިލީހުގެ ކޮމިޓީން ރުހުންދީ ފާސްކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ޖަލްސާގައި 35 މެމްބަރުންގެ ވޯޓުންނެވެ. މި ގަރާރުގައި ބުނެފައިވަނީ 30 އޮކްޓޫބަރު 2023 ގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ދިއުމަށެވެ.
ނިޒާމީ ވޯޓާ ގުޅިގެން މީގެ ކުރިން ކޮމިޝަނުގެ ނައިބުރައީސް އިސްމާއިލް ހަބީބު ވިދާޅުވެފައިވަނީ ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެނަމަ، އެފަދަ ވޯޓެއް ނެގުމަށްޓަކައި، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ހަމަތަކަށް ރިޢާޔަތްކުރާއިރު، މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އެ އިންތިޚާބު ބޭއްވުމަށްޓަކައި ބޭނުންވާނެ ކަމަށެވެ. އަދި ގާތްގަނޑަކަށް 40 މިލިޔަން ރުފިޔާ އެފަދަ އިންތިޚާބަކަށް ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ނިޒާމީ ވޯޓެއް ނަގާފައި ވަނީ 2007ވަނަ އަހަރުއެވެ. އެ އަހަރު ނެގި ސިއްރު ވޯޓުގައި ރިޔާސީ ނިޒާމަށް 95،619 މީހުން ވޯޓު ދީފައިވާއިރު، ބަރުލަމާނީ ނިޒާމަކަށް ވޯޓު ދިނީ 58،504 މީހުންނެވެ.