ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އާ އުފެދުނު ޚިޔާލުތަފާތުވުންތަކަށް ފަހު، އެމްޑީޕީން ވަކިވެވަޑައިގެން ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ސިޔާސީ ޕާޓީ، ދަ ޑިމޮކްރެޓްސް އާއި އެމްޑީޕީއާ ދެމެދު ފިކުރުގެ އެއްވެސް ތަފާތެއް ނެތް ކަމަށް ރައީސް ޞާލިޙްގެ ރަނިން މޭޓު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިނަށް އައްޑޫ ހުޅުދޫގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، ދަ ޑިމޮކްރެޓްސްގެ އިސް ސަފުގައި މިވަގުތު ހަރަކާތްތެރި ވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ވެރިކަން ކުރުމުގެ ނިޒާމަކަށް ބަދަލުކުރުމުގައި އެމްޑީޕީން ކުރި މަސައްކަތުގައި އޭރު އިސްކޮށް އުޅުއްވި ބޭފުޅުން ކަމަށެވެ.
އެ ދެ ޕާޓީގެ ދެމެދު އޮތް ގުޅުމަކީ ވަރަށް ގާތް ގުޅުމެއްގެ ގޮތުގައި ސިފަކުރައްވައި އަސްލަމް ވިދާޅުވީ އެއީ އެއް އާއިލާއެއް ކަމަށެވެ. އަތުގެ އިނގިލިތައް ދުރުކުރައްވައި ދައްކަވާލެއްވުމަށް ފަހު އަސްލަމް ވިދާޅުވީ ޑިމޮކްރެޓްސްއަށް އެމްޑީޕީއާ ދުރަށް ދެވޭނީ އެ މިންވަރަށް ކަމަށެވެ.
މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބީ އާ ކުރިމަތިލުމަށް ފަހު އެންމެ ފުރަތަމަ ރައީސް ނަޝީދު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ޕާޓީތެރޭ ވަކި ގޮތްޕެއް ހައްދަވައިގެން މަސައްކަތް ކުރައްވާފައެވެ. އެއަށްފަހު އެމަނިކުފާނަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އެ ޕާޓީން ވަކިވެ އައު ސިޔާސީ ޕާޓީއެއް އުފައްދާފައެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސްއިން ވާދަ ކޮށްފައި ވާއިރު، ތިން ވަނައަށް އެންމެ ގިނަ ވޯޓު ކާމިޔާބު ކުރީ ވެސް އެ ޕާޓީންނެވެ. ނަމަވެސް ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށް އެ ޕާޓީން ވަނީ ނިންމާފައެވެ.