ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ލިބިފައިވާ ޝަކުވާތަކަށް ބަލައި، ކުދި ޖާގަތަކުގައި ހުރި 43 ވޯޓުލާ ފޮށްޓެއް، ދެވަނަ ބުރުގައި ޖާގަ ތަނަވަސް އެހެން ތަންތަނަށް ބަދަލު ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، އިންތިހާބުގެ ފުރަތަމަ ބުރުގައި 146 ޝަކުވާއެއް ލިބިފައި ވާއިރު، އޭގެ ތެރެއިން 126 ޝަކުވާއަކަށް މިހާރު ޖަވާބުދީފައި ވާނެ ކަމަށެވެ. އަދި، އެ ޝަކުވާތަކާއި ތަޖުރިބާއަށް ބަލައި ދެވަނަ ބުރުގައި އެކަންކަން ތަކުރާރު ނުވާނެ ގޮތަށް މަސައްކަތްތައް ބަދަލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ މިވަގުތު އެންމެ އިސްކަން ދީފައި ވަނީ ސައްހަ ވޯޓާއި ބާތިލު ވޯޓު ކަނޑައެޅުމުގައި އޮފިޝަލުން އަމަލުކުރަން ޖެހޭ ގޮތުގެ ތަމްރީންތައް ދިނުމަށް ކަމަށެވެ. ފުރަތަމަ ބުރުގައި އޮބްޒާވަރުންނާއި މޮނީޓަރުންގެ ނުފޫޒުން ބާތިލު އަދި ސައްހަ ވޯޓު ކަނޑައެޅުމުގައި އޮފިޝަލުންނަށް ގޮންޖެހުންތައް ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވީ، ސައްހަ އަދި ބާތިލު ވޯޓު ކަނޑައެޅުމުގައި އީސީގެ އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން އެކަންކަން ކުރުމަށް އޮފިޝަލުންނަށް އިތުރު ތަމްރީންތައް ދެމުން އަންނަ ކަމަށެވެ.
މީގެއިތުރުން، ދެވަނަ ބުރުގައި ކިޔު މެނޭޖްކުރުމާއި އަދި ވޯޓުލާން އަންނަ މީހުން ވޯޓު ލާން ޖެހޭ ފޮށި ދެއްކުމަށް ގްރައުންޑް މެނޭޖަރުންގެ ގޮތުގައި ކުރިއަށްވުރެން ގިނަ މީހުން ހަރަކާތްތެރިވާނެ ކަމަށް އީސީން ބުނެއެވެ. އަދި، ވޯޓު ލާ ބޫތު ތަކަށްވެސް ބަދަލު ގެނެސްފައިވާއިރު، މި ބުުރުގައި ބޫތު ހުންނާނީ ފާހަގަ ޖަހާއިރު މީހާ ބޫތުގެ އެތެރެއަށް ވަންނަ ފަދަ ގޮތަކަށެވެ.
ފުރަތަމަ ބުރުގައި ބޫތު ހުރިގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރު ނުވާ ކަމަށް ބުނެ ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އީސީން ބުނީ ފާހަގަ ޖަހާއިރު ކަރުދާސް ބާއްވާ ތަނުގައި ބްރިސިލް ބޯޑެއް ބާއްވައި އޮންނާނެ ކަމަށާއި ފާހަގަ ޖެހުމަށް ފަސޭހަ ވާނެ ކަމަށެވެ.
އަންނަ ހޮނިިހިރު ދުވަހު ބާއްވާ އިންތިޚާބުގައި 10،500 އަށް ވުރެ ގިނަ އޮބްޒާވަރުންނާއި މޮނީޓަރުން ހަރަކާތްތެރިވާނެ ކަމަށް އިލެކްޝަންސް އިން މައުލޫމާތު ދެއެވެ.