ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ ދެކޮޅަށް އެމްޑީޕީން އެންޓި-ކެމްޕެއިންކުރުން ބަލައިނުގަނެވޭކަމަށް، އެ ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ސެނެޓް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މުއާޒު މިފަދައިން ވިދާޅުވީ، ޑރ. މުއިއްޒުގެ ތަރުޖަމާނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
އިންތިހާބާ ގުޅިގެން ޕްރޮގްރެސިވް ކޯލިޝަނުގެ ކަންބޮޑުވުންތައް ހިއްސާކުރައްވަމުން މުއާޒު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ޑރ. މުއިއްޒުއާ ދެކޮޅަށް ހިންގަމުންދާ އެންޓި-ކެމްޕެއިންގެ ހަރަކާތްތައް ހުއްޓާނުލާކަމަށެވެ.
އިންތިހާބާ ދިމާކޮށް ސިިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަތައް އުސޫލުން ބޭރުން ބޮޑުކޮށް، އަގުބޮޑެތި ބިންތައް ޕާޓީގެ މީހުންނަށް ބެހުމުގެ އިތުރުން ސަރުކާރު ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގަމުންދާކަމަށް ވިދާޅުވެ ވެސް މުއާޒު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
މުއާޒު ވިދާޅުވީ، މި ހުރިހާކަމެއް ކުރަމުންދަނީ އިންތިހާބުގެ ދެވަނަ ބުރުން ޑރ. މުއިއްޒު މޮޅުވާނެކަން އެނގޭތީ ދެން އަންނަ ސަރުކާރަކަށް ހުރަސްއަޅައި، ޑރ.މުއިއްޒަށް "ޖެއްސުންކުރުމަށް" ކަމަށެވެ. އަދި މިއީ ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ސަރުކާރުގެ ނުފޫޒު ޑރ. މުއިއްޒުގެ ކެމްޕެއިނަށް ފޯރުވުމަށް ކުރާކަމެއްގެ ގޮތުގައި މުއާޒު ފާހަގަކުރެއްވިއެވެ.
މުއާޒު ވިދާޅުވީ ދައުލަތް ލޫޓުވައިގެން ހޯދި ފައިސާ ސަރުކާރުން ރިޝްވަތުގެ ގޮތުގައި ބަހަމުން އަންނަކަމަށެވެ. އަދި އިންތިހާބު ވަގަށްނެގުމަށް ކުރާނެ ހުރިހާކަމެއް ސަރުކާރުން ކުރަމުން އަންނަކަމަށް މުއާޒު ތުހުމަތުކުރެއްވިއެވެ.