ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 2.2 ކިލޯގެ ޕާޓީ ޑްރަގް އަތުލައިގެންފިއެވެ.
މިކަން ހާމަކޮށް ކަސްޓަމްސްއިން ބުނީ، މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަރ މެދުވެރިކޮށް ޖަރުމަނު ވިލާތުން ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލެއް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
މިގޮތުން މި މަހުގެ 16 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ޕާރްސަލްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ކުނޑިތަކެއް ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން މި ތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމް.ޑީ.އެމް.އޭއަށް ޕޮޒިޓިވް ވެފައިވާކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.
ކަސްޓަމްސްއިން މައުލޫމާތުދޭގޮތުގައި މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2.2 ކިލޯގުރާމް ހުއްޓެވެ. އަދި މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތާ ޙަވާލުކޮށްފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.
މީގެކުރިން ވެސް ކުރިއަރ މެދުވެރިކޮށް މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން އަތުލައިގެންފައިވެއެވެ.