ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބު އިއުލާން ކުރުމުން، ޕާޓީގެ ރައީސްކަމަށް އެޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓް، އިލްޔާސް ލަބީބްގެ ރަނިންމޭޓް އަދި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން އަމްރު ވާދަކުރައްވަން ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވައި އަމްރު ކުރެއްވި ޕޯސްޓެއްގައި ވަނީ، ދަ ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލުން ޕާޓީގެ އެތެރޭގެ އިންތިޚާބެއް ބޭއްވުމަށް ކަނޑައެޅި ތާރީހަކީ ޑިސެމްބަރު މަހުގެ ދެވަނަ ދުވަސް ކަމަށާއި، އިންތިޚާބު އިއުލާން ކުރުމުން ޕާޓީގެ ރައީސްކަމަށް ކުރިމަތިލައްވަން ނިންމަވާފައިވުމުން، މިކަމުގައި އެންމެހާ ޑިމޮކްރެޓުންގެ އެއްބާރުލުމާއި ތާއީދު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އާއި، ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ތެރެއިން ޕާޓީގެ އިސް ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި އޭރު ޕާޓީގެ ރައީސްގެ ގޮތުގައި ހުންނެވި، ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ތެރެއިން އުފެއްދި ސިޔާސީ ޕާޓީއެކެވެ.

އެސްޓީއޯގެ އެމްޑީގެ މަގާމު އަމްރުއަށް ގެއްލިވަޑައިގަތީ ވެސް، އެމްޑީޕީގެ ފިކުރުން އެއްކިބާވެ، ދަ ޑިމޮކްރެޓްސް އުފެއްދުމަށް އޭނާ ވެސް އިސްވެ ހުންނަވައި ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުންނެވެ.

ރައީސް ނަޝީދާއި އެމަނިކުފާނަށް ވަފާތެރި މަޖިލިސް މެމްބަރުންތަކެއް އިސްވެ ތިއްބަވައި، އެމްޑީޕީގެ ތެރެއިން އުފެއްދި ފިކުރެއްގެ ދިރުން ހަރަކާތުން ކުރިފަޅައި އުފެއްދި ދަ ޑިމޮކްރެޓްސް، ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގައި ޑިމޮކްރެޓްސްގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ 13 މެމްބަރުންނެވެ. އެ ޕާޓީއަކީ މިވަގުތު މަޖިލީހުގައި ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއެވެ.