މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން އެކަށަހަޅާފައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، އިތުރު ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހުޅުވާލައިފިއެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ގޯއްޗަށާއި ފުލެޓަށް އެދި ހުށަހެޅުމުގެ ޝަރުތު ހަމަވާ ފަރާތްތަކުން، "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ގޯއްޗަށް ނުވަތަ ފުލެޓަށް އެދި އަންނަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުމަށް އެދޭކަމަށެވެ.
މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5.53 މިލިއަން އަކަފޫޓެވެ. ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1,250 އަކަފޫޓުކަން ވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ އެ އެޕްލިކޭޝަނަށް ލިބޭނީ ޖުމުލަ 4,000 އަކަފޫޓުކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ގޯއްޗަށް އެދެވޭނީ، ގޯއްޗެއް ނެތް، 18 އަހަރު ފުރިފައިވާ ދިވެހިންނަށެވެ. މި ސްކީމުން ދޫކުރާ ގޯއްޗަށް މާލޭގައި ދިރިއުޅޭތާ މަދުވެގެން 20 އަހަރު ވެފައިވާ މީހުންނާއި، އެއްވެސް އިރެއްގައި މާލެ ނޫން އެހެން ރަށެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައިގައި ހިމެނިފައި ނެތް މީހުންނަށް ހުށަހެޅޭނެ އެވެ. އަދި މި ސްކީމްގެ ދަށުން ފްލެޓަށް އެދި ހުށަހަޅޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި، މާލޭގެ ރައްވެއްސެއްކަމުގައި ވުމާއި އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައި ވުމާއި މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރު ވެފައިވާ ފަރާތެއް ކަމުގައިވުން ހިމެނެއެވެ. އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ނުވުމާއި އެޕްލިކޭޝަން ހުށަހަޅާ ފަރާތަކީ މާލެ ސިޓީން 600 އަކަފޫޓުގެ ނުވަތަ އެއަށްވުރެ ބޮޑު ހައުސިންގ ޔުނިޓެއް/ބިމެއް ގަނެފައިވާ ފަރާތެއް ކަމުގައި ނުވުންފަދަ ޝަރުތުތައް ހިމެނެއެވެ.
ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާނެ ގޮތްތަކާއި ގޯތި ނުވަތަ ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތާއި، އެހެނިހެން ތަފުސީލު، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިހާރުވަނީ ޝާއިޢުކޮށް ބަޔާންކޮށްފައެވެ.
"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ދާއިމީ ލިސްޓްގައި ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން ތިބިއިރު، ފުރަތަމަ ބުރުގައި 18،948 މީހުންނަށް ގޯތި ލިބެއެވެ.
ގޯތި ލިބުނު މީހުންނަށް ބިން ލިބޭ ތަން ކަނޑައެޅުމަށް ގުރުއަތުނެގުން ކުރިއަށް ގެންގޮސް މިހާރު ނިމިފައިވާއިރު، ބިންވެރިޔާ ސްކީމްގެދަށުން ހުޅުމާލެއިން 1،351 ބިން، ގުޅިފަޅުން 2،218 ބިން އަދި ގިރާވަރު ފަޅުން 5،432 ބިން ދޫކުރާނެއެވެ. އެއީ ޖުމްލަ 9،001 ގޯއްޗެވެ.
މި ގޯތިތަކުގެ ތެރެއިން 1،250 އަކަފޫޓާއި 1،650 އަކަފޫޓާއި 2،050 އަކަފޫޓުގެ ގޯތިތައް ދޭނީ ހުޅުމާލެއާއި، ގުޅިފަޅާއި ގިރާވަރު ފަޅުންނެއެވެ. އަދި 2،450 އަކަފޫޓުން ފެށިގެން 4،000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރާނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ.
މިނިސްޓްރީ މިހާރު އަންނަނީ، ހުޅުމާލެއިން ބިން ލިބުނު މީހުންގެ ބިން ކަނޑާ އެމީހުންނަށް ބިންތައް ބެލޭނެ އިންތިޒާމް އަދި ބައެއް ފަރާތްތަކާއި ބިމާއި އެ ބިމުގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކާ ނިމެމުންދާވަރަކަށް، އެތަންތަނުގެ ބިންތައް ކަނޑާ ހަވާލުކުރުވުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނެއެވެ.
ބިން ހިއްކުމުގެ މަޝްރޫޢުގެ ބޮޑު ބައެއް މިހާރު ވަނީ ނިންމާފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުން ނިންމާލެވޭނެ ކަމަށެވެ.