ޑިމޮކްރެޓްސް ޕާޓީގެ ރައީސްކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ޗެއާޕާސަން ހަސަން ލަތީފް ވާދަކުރައްވަން ނިންމަވައިފިއެވެ.

އެ ޕާޓީގެ އެތެރޭގެ އިންތިޚާބު އިއުލާން ކޮށްފައި ވަނީ އިއްޔެއެވެ.

ހަސަން ލަތީފް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއް ގައި ވަނީ ޕާޓީގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމަށް ނިންމަވާފައި ވާތީ ހުރިހާ ޑިމޮކްރެޓުންގެ ތާއީދާއި އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.

ހަސަން ލަތީފްގެ އިތުުރުން ދެން މި މަގާމަށް ވާދަ ކުރުމުގެ ޝައުުގުވެރިކަން ފާޅުކުރައްވާފައި ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވި އެ ޕާޓީގެ ކެންޑިޑޭޓުގެ ރަނިން މޭޓު ހުސެއިން އަމްރު އެވެ.

އަމްރު ކުރެއްވި ޕޯސްޓެއްގައި ވަނީ، ދަ ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލުން ޕާޓީގެ އެތެރޭގެ އިންތިޚާބެއް ބޭއްވުމަށް ކަނޑައެޅި ތާރީހަކީ ޑިސެމްބަރު މަހުގެ ދެވަނަ ދުވަސް ކަމަށާއި، އިންތިޚާބު އިއުލާން ކުރުމުން ޕާޓީގެ ރައީސްކަމަށް ކުރިމަތިލައްވަން ނިންމަވާފައިވުމުން، މިކަމުގައި އެންމެހާ ޑިމޮކްރެޓުންގެ އެއްބާރުލުމާއި ތާއީދު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އާއި، ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ތެރެއިން ޕާޓީގެ އިސް ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި އޭރު ޕާޓީގެ ރައީސްގެ ގޮތުގައި ހުންނެވި، ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ތެރެއިން އުފެއްދި ސިޔާސީ ޕާޓީއެކެވެ.

ރައީސް ނަޝީދާއި އެމަނިކުފާނަށް ވަފާތެރި މަޖިލިސް މެމްބަރުންތަކެއް އިސްވެ ތިއްބަވައި، އެމްޑީޕީގެ ތެރެއިން އުފެއްދި ފިކުރެއްގެ ދިރުން ހަރަކާތުން ކުރިފަޅައި އުފެއްދި ދަ ޑިމޮކްރެޓްސް، ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގައި ޑިމޮކްރެޓްސްގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ 13 މެމްބަރުންނެވެ. އެ ޕާޓީއަކީ މިހާރު މަޖިލީހުގެ މައިނޯރިޓީ ޕާޓީއެވެ.