7 އަހަރުފަހު ރާއްޖެއިން އީރާނާއިއެކު އަލުން ހާރިޖީ ގުޅުން ގާއިމްކޮށްފިއެވެ.

މި ގުޅުން އަލުން ގާއިމްކޮށްފައިވަނީ އދ. ގެ އާންމު ބައްދަލުވުމުގެ ހަވާސާގައި، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޚަލީލާއި އީރާނުގެ ހާރިޖީ ވަޒީރު ޑރ. އާމިރު އަބްދުﷲ ހިޔަން ބޭއްވެވި ބައްދަލުވުމަކަށްފަހުއެވެ.

މިކަމާ ގުޅިގެން ހާރިޖިއްޔާއިން ނެރުނު ބަޔާނުގައިވަނީ، ދެގައުމުގެ ދެމެދުގައި އޮންނަ އެކުވެރި ގުޅުން އިތުރަށް ތަރައްގީ ކުރުމަށް އެއްބަސްވެފައިވަނީ ދެގައުމުގެ އިސްތިގުލާލަށް އިހުތިރާމްކުރުމާއެކު، ދެ ގައުމުގެ ރައްޔިތުންގެ އުއްމީދާއި ކުރިއެރުމަށްޓަކައި ކަމަށެވެ.

ދެ ގައުމުން ވެސް ވަނީ އިންވެސްޓްމަންޓާއި ވިޔަފާރި އަދި ދަތުރުފަތުރާއި ޓެކްނޮލޮޖީގެ ދާއިރާތައްފަދަ، ބޭނުންތެރި ދާއިރާތަކުން ފުޅާ ދާއިރާއެއްގައި ގުޅުން ހަރުދަނާ ކުރުމަށް އެއްބަސްވެފައިކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އިރާނާ ގުޅުން ކަނޑާލީ ގަލްފު ސަރަހައްދުގެ ސުލްހައަށް އިރާނުން ހުރަސްއަޅަމުންދާތީކަމަށް ބުނެ، މެދުއިރުމަތީގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައެޅުމުގައި ނަމޫނާއަކަށް ބަލަމުން އަންނަ ސައުދީ އަރަބިއްޔާއިން އިރާނާ ގުޅުން ކަނޑާލާފައިވަނިކޮށެވެ.

އީރާނުގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި ގަތަރާއެކުއޮތް ހާރިޖީ ގުޅުންވެސް ކަނޑާލިއެވެ. އެކަމަކު 2021 ވަނަ އަހަރު ރާއްޖޭން ވަނީ އެ ގުޅުންވެސް އަލުން އިޔާދަކޮށްފައެވެ.