ރައްތިޔުންގެ މަޖިލީހުން ފާސްކޮށްފައިވާ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓެއް ނެގުމާ ގުޅޭ ގަރާރުގެ މަސައްކަތް ރިޔާސީ އިންތިހާބުގެ ފަހުން ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާ އެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން އެންމެ ފަސް ދުވަހަށް ވެފައިވާއިރު ދެ ރައީސުން ބައްދަލުކުރައްވާފައި މިވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ދެ ބޭފުޅުން ފޯނު މެދުވެރިކޮށް މަޝްވަރާ ކުރެއްވުމަށް ފަހުއެވެ.

މިކަމާ ގުޅިން ރައީސް ސާލިހު ވިދާޅުވީ ނިޒާމު ކަނޑައަޅާ ވޯޓު ނެގުމުގެ މައްސަލައިގެ އިތުރުން ދެން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާއި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ބެހޭ ގޮތުން ކަމަށެވެ. ރައީސް ވިދާޅުވީ ދެ ބޭފުޅުންނަށް ވެސް އެއްބަސްވުމަކަށް އާދެވުނީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ނިމުމުން ނިޒާމީ ވޯޓުގެ މަޝްވަރާ ފެށުމަށްކަމަށެވެ.

ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ އާންމު ވޯޓު ނެގުން އަންނަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވަނީ ވިދާޅުވެެފައެވެ.

ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު މުޅި މަޖިލީހުގެ ކޮމިޓީން ރުހުންދީ ފާސްކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ޖަލްސާގައި 35 މެމްބަރުންގެ ވޯޓުންނެވެ. މި ގަރާރުގައި ބުނެފައިވަނީ 30 އޮކްޓޫބަރު 2023 ގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ދިއުމަށެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ނިޒާމީ ވޯޓެއް ނަގާފައި ވަނީ 2007 ވަނަ އަހަރުއެވެ. އެ އަހަރު ނެގި ސިއްރު ވޯޓުގައި ރިޔާސީ ނިޒާމަށް 95،619 މީހުން ވޯޓު ދީފައިވާއިރު، ބަރުލަމާނީ ނިޒާމަކަށް ވޯޓު ދިނީ 58،504 މީހުންނެވެ.