ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ދެ ބޭފުޅުން ބޭއްވި ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ރައީސް ސާލިހު ވިދާޅުވީ މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހާއި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން ތިބޭނީ އެ ޕާޓީން ނިންމާފައިވާގޮތައް ވަކިއަތަކަށް ނުޖެހޭ ގޮތައްކަމަށް ނަޝީދު ވިދާޅުވެފައިވާކަމަށެވެ.

އެހެންނަމަވެސް ދެވަނަ ބުރު ކާމިޔާބު ކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރެއްވި މިކަމާ ގުޅޭ އިތުރު ތަފުސީލުތައް ފަހުން ހާމަ ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް މި އިންތިހާބުގެ ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނައިން ވޯޓު ހޯދި ދަ ޑިމޮކްރެޓްސްއިން ނިންމައި އެކަން އިއުލާނުކޮށްފައިވާއިރު ޑިމޮކްރެޓްސްއަކީ ރައީސް ސާލިހާއި ރައީސް ނަޝީދާއި ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އުފަންވި ޕާޓީއެކެވެ.

ޑިމޮކްރެޓްސްގެ ފަރާތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރައްވާ 15،000 އަށްވުރެ ގިނަ ވޯޓު ވަނީ ހޯއްދަވާފައެވެ. އިންތިހާބުގެ ދެވަނަ ބުރެއްގައި އެކުގައި މަސައްކަތްކުރުމަށް އެމްޑީޕީއާ އެކު މީގެ ކުރިން ޑިމޮކްރެޓްސްއިން ވަނީ މަޝްވަރާތައް ބާއްވާފައެވެ.

އެކުގައި މަސައްކަތް ކުރުމަށް އެ ޕާޓީން ހުށަހެޅީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.

އޭގެ ފަހުން ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވި 59 މެންބަރުންގެ ވޯޓުން ފާސްކުރީ ދެ ކެންޑިޑޭޓުންނަށް ހުށަހެޅި ކަންތައްތަކަށް އެއްބަސްނުވާނަމަ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ.

ޑިމޮކްރެޓްސްގެ ނިޒާމު ބަދަލުކުރާ ގަރާރަށް ފާޅުގައި ދެކޮޅު ހެދުމަށް ފަހު އެމްޑީޕީން ވަނީ ގަރާރު ބަލައިގަންނަން އެއްބަސްވެފައެވެ. ރައްޔިތުންގެ މަޖިޅީހުގައި މިކަމަށް ހާއްސަކޮށްގެން ބޭއްވި ޖަލްސާގައި ގަރާރު ދިރާސާކޮށް މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓް ފާސްކުރީ އެމްޑީޕީ ހިމެނޭހެން 35 މެންބަރުންގެ ވޯޓުންނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ޑިމޮކްރެޓްސްއިން ނިންމިއިރު ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމާއި އަމިއްލަގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އަހުމަދު ފާރިސް މައުމޫން ވެސް ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދުނުކުރައްވަން ނިންމަވާފައެެވެ.