މިހިނގާ ސެޕްޓެންބަރު މަހުގެ 28 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމަށް ކަނޑައަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމެއްގައި ވަނީ، 2023 ވަނަ އަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ކަނޑައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 8 ޑިސެންބަރު 2022 ގައި ނެރުއްވި ދެންނެވުމުގައި، މި ސެޕްޓެންބަރު މަހުގެ 28 ވާ ބުރާސްފަތި ދުވަސް ހިމަނުއްވައިފައިވާތީ، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާނެކަމަށެވެ.
2023 ވަނަ އަހަރު، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ނިންމެވި އިތުރު ދުވަސްތަކަކީ ޖޫން މަހުގެ 25 ވަނަ ދުވަހާއި 26 ވަނަ ދުވަހުގެ އިތުރުން ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހެވެ.
ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމަށް ކަނޑައަޅާފައިވާއިރު އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ނިންމާފައިވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.
ރާއްޖެއަށް މަލްޓިޕާޓީ ނިޒާމު ތައާރަފުވީ ފަހުން ބާއްވާ ހަތަރުވަނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ އެމްޑީޕީގެ ފަރާތުން އެޕާޓީގެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން އެޕާޓީގެ މެމްބަރު އަދި މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ގުޅިގެންވެސް ޖެހިގެން އައި ދެ ދުވަސް ސަރުކާރު ބަންދުކޮށްފައިވެއެވެ. މިގޮތަށް ކަނޑައެޅީ ރިޔާސީ އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ ޢަދަދެއްގެ މުވައްޒަފުންނާއި ޢާންމު ރައްޔިތުން ޙަރަކާތްތެރިވާނެތީ އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް، އިލެކްޝަންސް ކޮމިޝަނުން އެދުމުންނެވެ.