ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމަނިކުފާނުގެ ތާއީދު ހޯއްދަވަން ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އެދިވަޑައިގެންފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދާއި ރައީސް ޞާލިޙާ ދެ ބޭފުޅުން މިއަދު ބައްދަލު ކުރައްވާފައިވާއިރު، އެ ބައްދަލު ކުރެއްވުމަށް ފަހު ރައީސް ޞާލިޙް މީޑިއާ ތަކަށް ވިދާޅުވީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ދަ ޑިމޮކްރެޓްސް އިން ނިންމާފައި ވީ ނަމަވެސް އަމިއްލަފުޅު ހައިސިއްޔަތުން އެމަނިކުފާނަށް ތާއީދު ކުރެއްވުމަށް ރައީސް ނަޝީދު އަރިހުގައި އެދިވަޑައިގެންފައި ވާނެ ކަމަށެވެ.
ނަމަވެސް ރައީސް ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ ރައީސް ޞާލިޙް އެފަދަ ކަމަކަށް އެދި ނުލައްވާ ކަމަށެވެ.
އަދި އެ ދެ ބޭފުޅުންގެ މެދުގައި މަޝްވަރާ ކުރެވުނީ ހަމައެކަނި ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭގޮތުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ދެވަނަ ބުރުގައި ތާއީދު ކުރައްވާ ކެންޑިޑޭޓަކާ ގުޅޭގޮތުން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ދަ ޑިމޮކްރެޓްސް ގެ ނިންމުމަކީ އެމަނިކުފާނުގެ ނިންމެވުން ކަމަށެވެ. އަދި، ދެވަނަ ބުރުގައި ތާއީދު ކުރައްވާނީ ފުރަތަމަ ބުރުގައި ވެސް ތާއީދު ކުރެއްވި ކެންޑިޑޭޓު އިލްޔާސް ލަބީބަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެއިތުުރުން ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތުން ނިޒާމީ ވޯޓާ ގުޅޭ ގަރާރު ފާސް ކުރެވުނީ އެމްޑީޕީ އާއެކު ގިނަ މަޝްވަރާތަކަކަށް ފަހު ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް ސިޔާސީ ވާހަކަތައް އެއްފަރާތް ކުރެއްވުމަށް ފަހު އެމަނިކުފާނު މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ފައިދާ ވާނެ ވެރިކަމުގެ ނިޒާމެއް ރައްޔިތުންނާ ހަމައަށް ގެނެސްދެއްވުމަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.