ކުލަގަދަ ރަސްމިއްޔާތަކާ އެކު ހުޅުމާލޭގައި ބިނާކުރި އުރީދޫ މޯލްޑިވްސްގެ އައު ހެޑް ކުއާޓާސް އިމާރާތް ހުޅުވައިފިއެވެ.
އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތް ޝަރަފުވެރި ކޮށްދެއްވައި، އިމާރާތް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
މި އިމާރާތް ހުޅުވުމުގެ ގޮތުން އެ ކުންފުނިން ވަނީ ފާއިތުވި 18 އަހަރު ބޭނުންކުރި އިޝްތިހާރުތައް ވެސް ދައްކާލާފައެވެ. އެއަށް ފަހު އިމާރާތް ހުޅުވާފައި ވަނީ ޚާއްސަ ލައިޓް ޝޯވ އަދި ހަވާ އެރުވުމާ އެކުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ، ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގެ މަސައްކަތުގައި އެޅޭ ކޮންމެ ފިޔަވަޅެއްގައި އުރީދޫ މޯލްޑިވްސްއިން ސަރުކާރާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި، ރާއްޖެ ތަރައްގީކުރުމުގައި ބައިވެރިވެ ކުރަމުންދާ މަސައްކަތް ތަކަށާއި، ޑިޖިޓަލް ރާއްޖެ ބިނާކުރުމުގައި އުރީދޫ ގްރޫޕާއި، އުރީދޫ މޯލްޑިވްސްއިން ބައިވެރިވެ ކުރަމުންދާ މަސައްކަތްތަކަށް އެ މަނިކުފާނު ވަނީ އިޚްލާސްތެރިކަމާއެކު ޝުކުރު އަދާ ކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫ ގްރޫޕުގެ އެމްޑީ އަދި ސީއީއޯ އަޒީޒު އަލް އުޡްމާން ފަޚްރޫ ވަނީ އުރީދޫ ގްރޫޕުން ޚިދުމަތް ފޯރުކޮށްދޭ ގައުމުތަކުގެ ތެރެއިން ރާއްޖެއަކީ ޚާއްސަ ގައުމެއްކަން ފާހަގަ ކުރައްވާފައެވެ.
އައު ހެޑްކުއާޓާސް އާއެކު ރާއްޖޭގެ ޑިޖިޓަލައިޒޭޝަން ކުރިއެރުވުމަށް އުރީދޫން ކުރަމުން އަންނަ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް މަގުފަހިވެގެން ދާނެކަމަށް ސީއީއޯ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ، ޚާލިދު އަލް ހަމަދީ ވިދާޅުވީ، އުރީދޫ މޯލްޑިވްސްގެ އައު ހެޑް ކުއާޓާސް ރަމްޒުކޮށްދެނީ ވޭތުވެދިޔަ 18 އަހަރުގެ ތެރޭގައި އުރީދޫ ޓީމުން ހޯދި ކާމިޔާބީ އާއި ކުރިއެރުން ކަމަށެވެ.
އަދި މިއީ އުރީދޫގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރާ ދަތުރުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.
ވޭތުވެދިޔަ އަހަރުތަކުގައި، ސަރުކާރާއި، ސަރުކާރުގެ މުއައްސަސާތަކުގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުމުގެ އަގު ވަޒަންކުރުމުގެ ގޮތުން އުރީދޫއިން ވަނީ ނައިބު ރައީސް ފައިސަލްށް ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ.
އުރީދޫގެ އައު އިމާރާތް ފަރުމާކޮށްފައި ވަނީ ޒަމާނީ ވަސީލަތްތަކާއި ޒަމާނީ ޓެކްނޮލިޖީގެ އެހީގައި މުވައްޒަފުންނަށް އުފެއްދުންތެރި މަސައްކަތްތައް ކުރުމަށް އެކަށީގެންވާ ގޮަތަށް ހިތްފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ލިބިދޭ ގޮތަށެވެ.
ތިމާވެށްޓާއި ރައްޓެހި ގޮތަށް ބިނާކޮށްފައިވާ މި އިމާރާތަކީ ގުދުރަތީ ވައި ދައުރުވާނެ، އިއާދަކުރަނިވި ހަކަތަ އާއި ވާރޭފެން ރައްކާކޮށް ބޭނުންކުރެވޭނެ އިންތިޒާމާއެކު އިމާރާތްކޮށްފައިވާ ތަނެކެވެ.
އެގޮތުން މި އިމާރާތުގައި ހިމަނާފައިވާ މުހިންމު ކަންކަމުގެ ތެރޭގައި:
- ހޭންގްއައުޓް އޭރިއާ
- ކެފޭގެ ޚިދުމަތް
- މުވައްޒަފުންނަށް ހާއްސަ ޖިމް
- މުވައްޒަފުންނަށް ހާއްސަ ކުއައިޓް ރޫމް
- ކުޑަކުދިންނަށް ހާއްސަ ސަރަހައްދު
މި އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ނިންމާލާފައިވަނީ، އުރީދޫ އާއި ރާއްޖެއާ ދެމެދު ދެމެހެއްޓެނިވި ގުޅުމެއް ރަމްޒުކޮށްދިނުމުގެ ގޮތުން އެ ކުންފުނީގެ ދިދަ އާއި ރާއްޖޭގެ ދިދަ ނެގުމުގެ ހަލްފާއަކަށް ފަހުއެވެ.