ދިވެހިރާއްޖޭއަކީ ހިންދު މާކަނޑުގެ ތެރޭގައި، އޮޅުދޫ ކަރައިގެ ހުޅަނގު ފަރާތުން ހައްތުސްތަވާ މަތީގައި އުތުރުން ދެކުނަށް ފެތުރިފައި އޮންނަ ކުޑަ ޖަޒީރާ ޤައުމެކެވެ. ދުނިޔޭގައި ރާއްޖެ މަޝްހޫރުވެފައިވަނީ، ރީތި، ސާފު އަދި ޞުލްޙަވެރި ތަނެއްގެ ގޮތުގައެވެ. މުސްތަޤްބަލުގައިވެސް ދިވެހިރާއްޖެ މިގޮތަށް ބޭއްވޭތޯ މަސައްކަތް ކުރަންޖެހެއެވެ.

އެހެން ނަމަވެސް އެކަމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެއް ކަމަކަށް ސިޔާސީ ޚިޔާލު ތަފާތުވުންތައް ހައްދުފަހަނަ އެޅުމެވެ. އަނެއް ކަމަކަށް ދީނީ އެއްބައިވަންތަކަން ނަގާލުމަށް ރާވައިގެން ހިންގާ ޖަރީމާތަކެވެ. ދެން އޮތީ ވަކިވަކި ގައުމުތަކުގެ ނޭދެވޭ ނުފޫޒުތަކެވެ. މިހުރިހާ ކަމެއްގެ ތެރެއިންވެސް، ރާއްޖޭގެ ސުލްހަމަސަލަސްކަމަށް އޮތް އެންމެ ބޮޑު "ތުރެޓަކީ" ސިޔާސީ ބައިބައިވުންތަކެވެ. ސިޔާސީ ފިކުރުތަކުގެ އަވައިގައިޖެހި ހައްދުފަހަނައަޅައި ދިއުމެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނީއްސުރެ މިފެންނަނީ ގައުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މަންޒަރެވެ. ރާއްޖޭގެ ރަށްރަށުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމާއި، އުޚުއްވަތްތެރިކަން، ސިޔާސީ ވާދަވެރިކަމުގެ ސަބަބުން ބައިބައިވުމަށް ބަދަލުވެގެންދާ ތަނެވެ. އަހަރެމެންގެ ޤައުމަކީ ދުނިޔޭގެ ނިސްބަތުން ހަމަ ވަރަށް ކުޑަކުޑަ ޤައުމެކެވެ. އެހެންކަމުން ގައުމުތަކަށް ބަރޯސާވާންޖެހެއެވެ. މީގެ މާނައަކީ ގައުމުގެ ރައުސުލްމާލާއި މިނިވަންކަމާއި އިސްތިޤްލާލް ބީވެގެންދާ ވަރަށް ބަރޯސާވުމެއްވެސް ނޫނެވެ. ދިވެހިރާއްޖެ އަބަދުވެސް އޮންނަންވާނީ، ގައުމަކަށް އަޅުދާސްތުނުވެ މިނިވަން ދައުލަތެއްގެ ގޮތުގައެވެ. ދިވެހީން އެދޭ ގޮތަކީ މިއީއެވެ.

ދަންނަވަންތޯއެވެ. ސިޔާސީ ވާދަވެރިކަން ކުޅިވަރުގެ ވާދަވެރިކަން ފަދައެވެ. ކުޅިވަރުގައި ވެސް ސިޔާސީ ކަންކަމުގައި ވެސް މޮޅުވާނީ ކޮންމެވެސް އެކަކެވެ. ނުވަތަ އެއްބަޔެކެވެ. އެހިސާބުން ނިމުނީއެވެ. ދެން އެންމެން ވެސް ވާނީ އެއް ބަޔަކަށެވެ. އެއް ރަށެއް، އެއް ގައުމެއް، ނުވަތަ އެއް އުއްމަތެއްގެ ބަޔަކަށެވެ.

ސިޔާސީ ޕާޓީތައް އޮތަސް، އިހު އޮތް ޞުލްޙަވެރިކަމުގައި، އެ އަމާންކަމުގައި، އެ އެކުވެރިކަމުގައި އުޅެވިދާނެއެވެ. މާޒީވެދިޔަ ތަނުގައި އަހަރެމެންގެ ކާބަފައިންގެ ފައިތިލަތައް ސާބިތުކުރީ އެ ރިވެތި މަގުގައެވެ. މިއަދު ފެންނަ މަންޒަރުތަކުން ހިތަށް އުނދަގޫވެއެވެ. އަދު މި ތިބެވުނީ އެ އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އަމާންކަން އަލުން ހޯދަންޖެހިފައިވާ ހިސާބެއްގައެވެ.

އަންނަ ބަދަލުތައް ކިތަންމެ ބޮޑު ކަމުގައިވީ ނަމަވެސް، އެބަދަލުތަކަށް އަހަރެމެންގެ ދިރިއުޅުމުގެ ފޭރާން ހެޔޮވަރުކުރަންޖެހެއެވެ. އަހަރެމެންގެ ރާއްޖެއެއް އަބަދަކު އެއްގޮތަކަށް ނޯންނާނެއެވެ. އަދި އަބަދު އެއްގޮތަކަށް ބާއްވާކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ. އެހެންނަމަވެސް، އަހަރެމެންގެ ތެރޭގައި ހުރި ޒަމާންވީ ރަނގަޅު ކަންތައްތައް، ރަނގަޅު އާދަކާދަތައް، ރަނގަޅު އަޚްލާޤީ މިންގަނޑުތައް ދަމަހައްޓަން ޖެހޭނެއެވެ. އެހެންވީމާ، އެކަމަށްޓަކައި ސަމާލުވެ ތިބުމަކީ އެއީ، ވަރަށް މުހިންމު ކަމެކެވެ.

އަހަރެމެންގެ ތެރެއަށް ތަފާތު ސިޔާސީ ފިކުރުތައް ވަދެ، ސިޔާސީ ގޮތުން ކުރިއަށް ދިޔުމަކީ އެއީ ވާދަވެރިވެ، އެއްބަޔަކު އަނެއް ބަޔަކާ ތޮޅުން ކަމުގައި މިހާރު ވިސްނެމުން އެބަދެއެވެ. އެކަމަކު އެހެންވާކަށް ނުޖެހެއެވެ. އަހަރެމެންގެ ތެރޭގައި މީގެ ކުރިންވެސް ވެރިން އައްޔަނުކުރިއެވެ. އަހަރެމެންގެ ތެރޭގައި ކަތީބުންނާއި އަތޮޅުވެރިން ތިއްބެއެވެ. އެކަމަކު ހިޔާލުތަފާތުވުން ބޮޑުވެގެން ގޮސް، އެއްބަޔަކު އަނެއް ބަޔަކަށް ވާހަކަ ނުދެއްކޭ ހިސާބަކަށް ނުދެއެވެ. އެއްބަޔަކު އަނެއް ބަޔެއްގެ ގަޔަށް ބޮލަށްއަރާ ހިސާބަކަށް ނުދެއެވެ. އެހެން ނަމަވެސް، މިހާރު ފެންނަނީ އެ މަންޒަރެއް ނޫނެވެ.

ކަންތައް މި ހުރީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ރަހިމުގެ ގުޅުންވެސް ކަނޑާ ހިސާބުގައެވެ. ގާތްތިމާގެކަމަށް ވުރެ، އެކުވެރި ރަހުމަތްތެރި ކަމަށް ވުރެ މުހިންމީ ޕާޓީ މީހާއެވެ. ރަށާއި ގައުމަށްވުރެ ވުރެ މުހިންމީ ޕާޓީއެވެ. ހަގީގަތުގައި ވެސް ސިޔާސީ އޮއިވަރުގައި ޖެހި، ޒަމާންވީ އިޖުތިމާޢީ ގުޅުން ހީނަރުވެއްޖެއެވެ. ވިސްނަވާށެވެ.

ލޯބިވާން ވާނީވެސް، ނަފުރަތު ކުރަންވާނީ ވެސް، އަދި މީހަކަށް ތާއީދުކުރަން ވާނީވެސް، ހިތަށް ކުޅަދާނަވާ މިންވަރުން، މާދަމާ ވެސް އަނެކާގެ ކިބައިން ކަމަކު އެދެންޖެހިދާނެކަން އެނގިތިބެއެވެ.

ބޯމަތިވެފައިވާ ރިޔާސީ އިންތިޚާބުންވެސް މޮޅުވާނީ ކޮންމެވެސް އެއް ފިކުރެކެވެ. ރަންރީންދޫ ކުލައިން ޖަރީވެފައިވާ ފިކުރެވެ. ނޫނީ ވިލުނޫކުލައިން ޖަރީވެފައިވާ ފިކުރެއެވެ. ގަދަފަދަ ބިޔަ އެމްޑީޕީއެވެ. ނޫނީ ކުޑަޔަަސް ހައިބަތުހުރި ޕީއެންސީއެވެ. އެއް ބަޔަކު "އުފާވެރި އަމާން ރާއްޖެއަކަށް" ވޯޓު ދޭއިރު އަނެއް ބަޔަކު ދޭނީ "ދިވެހީންގެ ރާއްޖެއަކަށެވެ." އެކަމަކު ހަގީގަތުގައި މި އެންމެންވެސް ބޭނުންވާ އާޚިރު ނަތީޖާއަކީ "އުފާވެރި އަމާން ދިވެހީންގެ ރާއްޖެއެވެ!"އެވެ. ކޮންމެ ގޮތަކަށް ނަތީޖާ ނުކުތަސްމެއެވެ. ނޫންތޯއެވެ؟