މިއަދާއި މާދަމާ ސަރުކާރު ބަންދުވިނަމަވެސް 18 އަހަރުން މަތީގެ އެންމެނަށް އައިޑީ ކާޑް ދޫކުރާނެކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރުން) ބުނެފިއެވެ.
ޑީއެންއާރުން ކުރި އިއުލާނެއްގައި ބުނީ ސަރުކާރު ބަންދު ދެ ދުވަހުގައި ވެސް 18 އަހަރުން މަތީގެ މީހުންނަށް އައިޑީ ކާޑު ދޫކުރަނީ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވީހާވެސް ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުންކަމަށެވެ.
އެގޮތުން މިއަދާއި މާދަމާ ހެނދުނު 10:00 އިން ހަވީރު 04:00 އަށް އައޑީ ކާޑު ދޫކުރާނެކަމަށް ޑީއެންއާރުން މައުލޫމާތުދެއެވެ.
މިއަދު ސަރުކާރު ބަންދުކޮށްފައި ވަނީ ކީރިތި ރަސޫލާގެ އީދުމީލާދު ފާހަގަ ކުރުމުގެ ގޮތުންނެވެ. އަދި މާދަމާ ބަންދު ކުރީ އީދުމީލާދާ ގުޅުވައިގެނެވެ.
މިއަދަކީ ސަރުކާރު ބަންދު ދުވަހެއްކަމަށް ކަނޑައަޅާފައިވާއިރު އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ނިންމާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
ރާއްޖެއަށް މަލްޓިޕާޓީ ނިޒާމު ތައާރަފުވީ ފަހުން ބާއްވާ ހަތަރުވަނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ އެމްޑީޕީގެ ފަރާތުން އެޕާޓީގެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން އެޕާޓީގެ މެމްބަރު އަދި މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ގުޅިގެންވެސް ޖެހިގެން އައި ދެ ދުވަސް ސަރުކާރު ބަންދުކޮށްފައިވެއެވެ. މިގޮތަށް ކަނޑައެޅީ ރިޔާސީ އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ ޢަދަދެއްގެ މުވައްޒަފުންނާއި ޢާންމު ރައްޔިތުން ޙަރަކާތްތެރިވާނެތީ އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް، އިލެކްޝަންސް ކޮމިޝަނުން އެދުމުންނެވެ.