ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަނުން ފަށައިފިއެވެ.
އެގޮތުން ވޯޓުލާ ކަރުދާސް ޗާޕްކޮށް ޗެކްކޮށް ޕެކްކުރުމުގެ ހުރިހާ މަސައްކަތްތަކެއް ނިމި އަތޮޅުތެރެއަށް އަންނަނީ ފޮނުވަމުންނެވެ.
މި މަސައްކަތް ފެށީ މިއަދު ހެނދުނު 6:00ގައެވެ. އަދި މާދަމާ ހެނދުނު ވޯޓު ކަރުދާސްތައް ބެހެއްޓިފައިވާ އަތޮޅު ކައުންސިލްތަކުން ނެރެ އަތޮޅުތެރޭގެ ރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެކަމަށާއި ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ވޯޓު ކަރުދާސްތައް އޮފިޝަލުންނާއެކު މިއަދާ މާދަމާ ފޮނުވާނެކަމަށްވެސް ކޮމިޝަނުން ބުނެއެވެ.
ރިޒޯޓްތަކަށް ވޯޓު ކަރުދާސްތައް ފޯރުކޮށްދޭނީ 29 ވަނަ ދުވަހުކަމަށާއި އަދި މާލެ ސަރަހައްދަށާއި ސިނާއީ މަސައްކަތް ކުރާ ތަންތަނުގެ އިތުރުން ޖަލުތަކަށް ވޯޓު ކަރުދާސް ފޯރުކޮށްދިނުމަށް ނިންމާފައިވަނީ 30 ވަނަ ދުވަހު ކަމަށްވެސް ކޮމިޝަނުން ހާމަކުރެއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު ދެވަނަ ބުރު އޮންނާނީ މިމަހުގެ 30ވަނަ ދުވަހުއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރަައީސް އިބްރާޙިމް މުހައްމަދު ސޯލިހެވެ.
ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކޮށް ނިމިފައިވާއިރު އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރި ވޯޓާސް ލިސްޓުގައި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެއެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 282،395 މީހަކަށެވެ. އެހެންކަމުން 409 މީހަކަށް ވަނީ އަލަށް ވޯޓު ލުމުގެ ހައްގު ލިބިފައެވެ.