އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު ގުނަމުން ދިޔައިރު އިލެކްޝަން ކޮމިޝަނުގެ އޮފިޝަލުންނަށް ބައެއް އޮބްޒާވަރުންނާއި މޮނިޓަރުން ނުފޫޒު ފޯރުވާފައިވަތީ އެކަން ތަކުރާރު ނުކުރުމަށް އިލެކްޝަން ކޮމިޝަނުގެ ނައިބް ރައީސް އިސްމާއިލް ހަބީބު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި އިންތިހާބު އިންސާފުވެރިވާނެކަމުގެ ކިހާވަރެއްގެ ޔަގީންކަމެއް ރައްޔިތުންނަށް ދެވިދާނެތޯ ކުރި ސުވާލަށް ދެއްވި ޖަވާބުގައެވެ.
ހަަބީބު ވިދާޅުވީ މީގެ ކުރީގެ އިންތިހާބުގައިވެސް މުޅި އިންތިހާބަށް ނުފޫޒެއް އަންނަވަރުގެ ބޮޑެތި މައްސަލަތައްކެއް ދިމާވެފައިނުވާ ކަމަށެވެ. އެެހެންނަމަވެސް ސައްހަ ވޯޓާއި ބާތިލުވޯޓު ކަނޑައެޅުމުގައި އޮފިޝަލުންނާއި އޮބްޒާވަރުންނާއި މޮނިޓަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދުނުކަން ފާހަގަވެފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.
ނިމިދިޔަ އިންތިހާބުގެ ފުރަތަމަ ބުރަކީ މިހާތަނަށް ބާތިލް ވޯޓު އެންމެ ގިނައިން ގުނި އިންތިހާބެވެ. އެގޮތުން ފުރަތަމަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެން ވާކަމަށް ކޮމިޝަނުން ކަނޑައެޅީ 282،395 މީހުންނަށެވެ. އިންތިހާބުގައި ވޯޓުލީ 225،486 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 220،651 ސައްހަ ވޯޓެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ލާފައިވާ ބާތިލު ވޯޓުގެ އަދަދު 4،835އަށް އަރައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބާތިލު ވޯޓު ކަނޑައެޅުމުގައި އެކި މަރުކަރުތަކުން އެކި މިންގަނޑަށް އަމަލުކުރި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިންވެސް ވަނީ ބުނެފައެވެ.
ރިޔާސީ އިންތިހާބާ ގުޅިގެން ބޭއްވި އެ ޖަމިއްޔާގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު ބައެއް މަރުކަޒުތަކުގައި ފަވާލާފައިވާ ހެޔޮ ފާހަގަ އާއި ސީދަލަށް ދެމިފައިނުވާ ހެޔޮ ފާހަގަތައް އެއްފާހަގައަށްވުރެ ގިނަ ހެޔޮ ފާހަގަކަމުގައި ކަނޑައަޅާއި ބާތިލް ވޯޓުގެ ގޮތުގައިވަނީ ގުނާފައެވެ.
އެހެންނަމަވެސް ބައެއް އިދާރާތަކުގައި ހަމަ މިފަދަ ފާހަގަތައް ވަނީ ސައްހަ ވޯޓުގެ ގޮތުގައި ގުނާފައި ކަމަށް އެޗްއާރްސީއެމުން މައުލޫމާތުދެއެވެ.
އަދި މިފަދަ ހާލަތްތަކުގައި އެމަރުކަޒުގައި ހާޒިރުވެތިބި ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުން އަދި އާއްމު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާކަން ފާހަގަވެފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.
ޗްއާރްސީއެމުން ބުނީ ވޯޓު ބާތިލްކުރަނީ ވަކި މީހަކަށް ވޯޓުލުމުގެ ޝައުގުވެރިކަން ނެތުމުން ނުވަތަ ވެރިކަމަށް އެންމެ އެދެވޭ ކެންޑިޑޭޓެއް ނެތްކަމަށް ބައެއް ފަރާތްތަކަށް ގަބޫލްކުރެވޭތީ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބާތިލް ވޯޓާ، ވޯޓު ނުލާ މީހުންގެ އަދަދު ގިނަވެގެން ދިއުމަކީ ޑިމޮކްރެޓިކް ނިޒާމެއްގައި ކަންބޮޑުވާންޖެހޭ ކަމެއްކަން އެޗްއާރްސީއެމުން ވަނީ ފާހަގަކޮށްފައެވެ.
މިކަން ހައްލުކުރުމަށް އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ސައްހަ ވޯޓާއި ބާތިލް ވޯޓަކީ ކޮބައިކަން ރައްޔިތުންނަށް ސާފުކޮށްދިނުމަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން މުހިންމު ކަމަށް އެޗްއާރްސީއެމުން ވަނީ އިލެކްޝަން ކޮމިޝަނަށް ލަފާދީފައެވެ.
ކޮމިޝަނުންވެސް އަންނަނީ މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ.