ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވާ މިމަހުގެ 30ވަނަ ދުވަހު މާލޭގައި ބައެއް އުޅަނދުތައް ދުއްވުން މަނާވާނެކަން ޓްރާސްޕޯޓް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ގެޒެޓްކޮށްފައިވާ އިއުލާނެއްގައިވަނީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ބާރު ބޮޑުވެ، ވޯޓުލުމަށްދާ ފަރާތްތަކަށާއި، ވޯޓުގެ އިދާރީ އަދި ސެކިއުރިޓީގެ މަސައްކަތަށް ދަތިވާތީ، މަގުތަކުގައި ދުއްވާ ބޮޑެތި އުޅަނދުތައް އެދުވަހުގެ ހެނދުނު 06:00 އިން ރޭގަނޑު 08:00އަށް، ދުއްވުން މަނާވާނެ ކަމަށެވެ.

"ސީ2" އަދި "ސީ0" ކެޓަގަރީގެ އުޅަނދުތަކާއި "ޑީ" ކެޓަގަރީގެ އުޅަނދުތަކާއި "އީ" ކެޓަގަރީގެ އުޅަނދުތަކުގެ އިތުރުން "ވީ" ކެޓަގަރީގެ އުޅަނދުތައް ދުއްވުން މިނިސްޓްރީން ވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް، މި ކެޓަގަރީތަކުގެ ތެރޭގައި ހިމެނޭ ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި ސަރުކާރުގެ އިދާރާތަކުގެ އާންމު ޚިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުފަހަރު އެވަގުތުތަކުގައި ދުއްވުން މަނާކުރެވިފައިނުވާނެ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މިނިސްޓްރީން ބުނީ އެއްވެސް ފަރާތަކުން މި އެންގުމާ ޚިލާފަށް ޢަމަލުކުރާނަމަ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 3ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން، އެ ޤާނޫނުގެ 68ވަނަ މާއްދާގެ ދަށުން އެ ފަރާތެއް 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށެވެ.

އެހެންކަމުން، ހުރިހާ ފަރާތްތަކުންވެސް މިކަންކަމަށް ސަމާލުވުމަށް މިނިސްޓްރީންވަނީ އިލްތިމާސްކޮށްފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ މި މަހުގެ 30ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ.