މާލޭގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ ގްރައުންޑް މެނޭޖަރުންނާއި އެސިސްޓެންޓް ގްރައުންޑް މެނޭޖަރުންނަށް އަމާޒުކޮށްގެން ޚާއްސަ މައުލޫމާތު ދިނުމުގެ ސެޝަނެއް ފަށައިފިއެވެ.

ވީނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ އިލެކްޓޯރަލް މެނޭޖްމަންޓް ޑިވިޝަންގެ ހެޑް ޝަހުލާ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު މިމަހުގެ 30ވަނަ ދުވަހު ބާއްވަން ހަމަޖެހިފަވާއިރު އިންތީޚާބަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ބާރު ސްޕީޑެއްގައި ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާރު ކުރިއަށްދަނީ މާލޭގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ ގްރައުންޑް މެނޭޖަރުންނާއި އެސިސްޓެންޓް ގްރައުންޑް މެނޭޖަރުންނަށް ދޭން ބޭނުންވާ މައުލޫމާތު ދިނުމުގެ މަސައްކަތް ކަމަށާއި މާލޭގައި ޖުމްލަ 187 ވޯޓުލާ މަރުކަޒެއް ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެއީ ހުޅުމާލެ އާއި ވިލިމާލެވެސް ހިމެނޭގޮތަށްކަން ފާހަގަކުރައްވާ ޝަހުލާ ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރަށް 21 ޑިސްޓްރިބިއުޝަން ސެންޓަރެއް ކަނޑައަޅާފައިވާ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް ޝަކުވާއައި މާލޭގެ ވޯޓުލާ މަރުކަޒުތަކުގައި ގިނަ އަދަދެއްގެ ވޯޓުލާ މީހުން ވަޑައިގެން ކިއުގަ ވަރަށް ގިނައިރު ވަގުތު ހޭދަކުރަން ޖެހުނުކަން. އެކަން ރަނގަޅު ކުރުމަށްޓަކައި ވީހާވެސް ފަސޭހައިން ކޮންމެ މީހަކަށްވެސް ވޯޓުލުމުގެ ހައްގު އަދާކުރުމުގެ ގޮތުން އަޅުގަނޑުމެން މިފަހަރު ގްރައުންޑް މެނޭޖަރުންވެސް އެސިސްޓެންޓް މެނޭޖަރުންވެސް އަދަދު މިވަނީ އިތުރުކޮށްފަ. ކުރިއަށްވުރެ އިތުރަށް ފުރިހަމަ މައުލޫމާތުތަކެއް ދިނުމުގެ ގޮތުން މިހާރު ކުރިއަށްދަނީ ދެ ގަޑިއިރުގެ މައުލޫމާތު ސެޝަނެއް."
އިލެކްޝަންސް ކޮމިޝަންގެ އިލެކްޓޯރަލް މެނޭޖްމަންޓް ޑިވިޝަންގެ ހެޑް ޝަހުލާ

މިމައުލޫމާތުގެ އަލީގައި ވޯޓުލާން ވަޑައިގަންނަވާ ބޭފުޅުންނަށް އެސިސްޓްކޮށްދިނުމާއި ވޯޓުލާ މަރުކަޒުތަކުގެ މައުލޫމާތު ހިއްސާކުރުމުގަ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ޝަހުލާ ވިދާޅުވިއެވެ.

ގްރައުންޑް މެނޭޖަރުންނާއި އެސިސްޓެންޓް ގްރައުންޑް މެނޭޖަރުން ތިއްބަވާނީ އޮފިޝަލުން ބޭނުންކުރައްވާ ބިބުގައި ފަސޭހައިން އެނގޭނެ ގޮތަކަށް ކަމަށް އިލެކްޝަންސް ކޮމިޝަންގެ އިލެކްޓޯރަލް މެނޭޖްމަންޓް ޑިވިޝަންގެ ހެޑް ޝަހުލާ ވިދާޅުވިއެވެ.