ކުޅުދުއްފުށީ ސިޓީގައި ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރްޓީއެލް)ގެ ބަސް ދަތުރުގެ ޚިދުމަތް އިފްތިތާހްކޮށްފިއެވެ.
މިކަމަށްޓަކައި އެ ސިޓީގައި ބޭއްވި ހާއްސަ ހަފުލާއެއްގައި ބަހުގެ ޚިދުމަތް އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމެވެ.
ކުޅުދުއްފުށީ ސިޓީގައި ބަހުގެ ޚިދުމަތް ދިނުމަށްޓަކާ އެމްޓީސީސީގެ އާރްޓީއެލް ދެ ބަސް ބޭނުންކުރާއެވެ. އެއީ ވެރިރަށް މާލޭ ސިޓީގައިވެސް ބޭނުންކުރާފަދަ 22 މީހުންގެ ޖާގައިގެ ދެ މިނީ ބަހެވެ.
އެ ސިޓީގައި މިނީ ބަހުގެ ޚިދުމަތް ފެށުމާއެކު ބުރާސްފަތި ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަކަށް އަޖުމަ ބެލުމުގެ ދަތުރުތައް ކުރާނެއެވެ. އަދި މި ދަތުރުތަކުގައި އާއްމުންގެ އަތުން އެއްވެސް އަގެއް ނުނަގާނެއެވެ.
ޓެސްޓު ދަތުރުތަކުގެ ސަބަބުން އާންމުންނަށް ބަހުގެ ޚިދުމަތަށާއި، ދަތުރުކުރާ ރޫޓުތަކަށް ހޭނުމަށް ފުރުޞަތު ލިބިގެންދާނެކަމަށް އެމްޓީސީސީއިން ބުނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި އާއްމުންގެ ފަރާތުން ލިބޭ ޚިޔާލަށް ބަލާ ގެންނަންޖެހޭ ބަދަލުތައް ގެނެވޭނެކަމަށްވެސް އެކުންފުނިން ބުނެއެވެ.
އާރްޓީއެލް ބަހުގެ ޚިދުމަތް ކުޅުދުއްފުށީގައި ފަށާފައިވާއިރު، މިމަހުގެ ތެރޭގައި ހއ. ދިއްދޫގައިވެސް ވަނީ މިޚިދުމަތް ރަސްމީކޮށް ފަށާފައެވެ.
މި ޚިދުމަތް އެންމެ ފުރަތަމަ ފެށީ މާލޭގައެވެ. މާލޭގައި ބަހުގެ ދަތުރުތައް އޮންނާނީ ކޮންމެ ދުވަހެއްގެ ވެސް ފަތިހު 5:45 އިން ދަންވަރު 12:15 އަށެވެ.
ކޮންމެ ބަސް ސްޓޮޕަކުން ވެސް 10 މިނެޓާއި 15 މިނެޓާ ދެމެދު ބަހެއް ދަތުރު ފަށާނެއެވެ. ދަތުރަކަށް 7 ރުފިޔާ ނަގާ މި ޚިދުމަތް ލިބިގަންނަ، 65 އަހަރުން މަތީގެ މީހުންނަށާއި، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ޚާއްސަ އެހީއަށް ބޭނުންފުޅުވާ ފަރާތްތަކުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދޫކޮށްފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް އެމްޓީސީސީން ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ޔުނީފޯމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރުކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
މި ޚިދުމަތަށް 18 ބަސް މާލޭގައި ހަރަކާތްތެރިވާއިރު އޭގެ ތެރެއިން އަށް ބަހަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާ ފޭބޭގޮތަށް ރޭމްޕް އަދި ފުރޮޅުލީ ގޮނޑިއަށް ޚާއްސަ ޖާގަ އެކުލެވޭ ބަސްތަކެކެވެ.