ޕާކިސްތާނުގައި ބާރުގަދަ ބޮމެއް ގޮއްވާލުމުގެ ސަބަބުން ގާތްގަނޑަކަށް 53 މީހުން މަރުވެ، ސަތޭކަ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

ޒަޚަމްވި މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސްކަމަށް ހޮސްޕިޓަލްތަކުން ބުނެއެވެ.

ބޮން ގޮއްވާލާފައިވަނީ ކީރިތި ރަސޫލާގެ އީދުމީލާދު ފާހަގަކުރަން ބަލުޗިސްތާންގެ މަސްޓަންގައި މިއަދު ބާއްވަން އުޅުނު ހިނގާލުމަކާ ދިމާކޮށެވެ.

ހިނގާލުމާ ދިމާކޮށް ދިން ބޮމުގެ ހަމަލައަކީ މީހަކު އަމިއްލައަށް މަރުވެގެންދިން ހަމަލާއެއް ކަމަށް ސަލާމަތީ ބާރުތަކުން ލަފާކޮށްފައި ވެއެވެ.

ބޮން ގޮއްވާލި ސަރަހައްދުގެ ފޮޓޯތަކާއި، ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، މުޅި ސަރަހައްދުއޮތީ ލެއިން ކޯރު ހެދިފައެވެ. އަދި އިންސާނުންގެ ހަށިގަނޑުގެ އެކި ބައިތައް އެކި ތަންތަނަށް ބުރައިގެންގޮސްފައި ހުރި މަންޒަރުވެސް ފެނެއެވެ.

މަސްޓަންގްގެ އެސިސްޓެންޓް ކޮމިޝަނަރ އަތާއުލް މޫމިން ވިދާޅުވީ، ބޮން ގޮއްވާލާފައިވަނީ ހިނގާލުމަށް މަދީނާ މަސްޖިދު ކައިރިއަށް މީހުން އެއްވި ވަގުތު ކަމަށެވެ.

އަތާއުލް މޫމިން ވިދާޅުވީ، ބޮން ގެންގުޅުނު މީހާ ބޮން ގޮއްވާލީ ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ވެހިކަލް ކައިރީގައި ކަމަށާއި، މި ހަމަލާގައި ޑީއެސްޕީވެސް ޝަހީދުވެފައިވާ ކަމަށް ބުނެފައި ވެއެވެ.

ބަލުޗިސްތާނުގެ ވަގުތީ އިންފޮމޭޝަން މިނިސްޓަރު ވިދާޅުވީ، ދުޝްމަނުން ބޭނުންވަނީ ބަލުޗިސްތާނުގައި އޮތް ދީނީ ހަމަޖެހުމާއި ސުލްހަ ނަގާލުން ކަމަށެވެ. މީގެ ބޭނުމަކީ ބެރުގެ ބާރުތައް ރުއްސުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބަލުޗިސްތާން ސަރަހައްދީ ސަރުކާރުން، ބޮން ގޮއްވާލުމުގެ ޒިންމާ އެއްވެސް ފަރާތެއްގެ ބޮލުގައި އަޅުވާފައެއް ނުވެއެވެ.

ބަލުޗިސްތާނުގައި ޣައިރުގާނޫނީ ކޮށްފައިވާ ތަހްރީކޭ ތާލިބާން ޕާކިސްތާން ޖަމާއަތުން ބުނެފައިވަނީ، ބޮން ގޮއްވާލުމާއި އެމީހުންނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

ބޮމުގެ ހަމަލާ. ޕާކިސްތާނުގެ ބޮޑުވަޒީރު އަންވާރުލް ހައްގު ކައްކަރުވަނީ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.

އަދި ޓެރަރިޒަމްގެ މޫ، ޕާކިސްތާނުން ލުހެލުމަށް ކުރާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށްވެސް ބޮޑުވަޒީރު ވައުދުވެވަޑައި ގެންނެވިއެވެ.

ބަލުޗިސްތާނުގެ ވަގުތީ ޗީފް މިނިސްޓަރ އަލީ މަރްދާންވަނީ، ބޮމުގެ ހަމަލާ ކުށްވެރި ކުރައްވައި، މި ހަމަލާގެ އަޑީގައި ތިބި ބަޔަކު ހޯދައި ވީ އެންމެ އަވަހަކަށް ރިޕޯޓް ހުށަހެޅުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލައްވާފައެވެ.