ބަނގްލަދޭޝްގައި ވަރަށް ބޮޑަށް ޑެންގީ ފެތުރި، ވޭތުވެދިޔަ ހަފްތާތަކުގައި ހާހަކާ ގާތްކުރާ އަދަދަކަށް މީހުން މަރުވެއްޖެ ކަމަށް އެގައުމުން ހާމަކޮށްފިއެވެ.

ބަނގްލަދޭޝްގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ، މިއީ، މިހާތަނަށް އެގައުމުގައި ޑެންގީ އެންމެ ބޮޑަށް ފެތުރިފައިވާ ފަހަރު ކަމަށެވެ.

އާދަޔާޚިލާފަށް ވިއްސާރަ ދުވަސްވަރަކީ، ޑެންގީ ޖައްސާ ވައިރަސް އުފުލާ މަދިރި އާލާވުން އިތުރުވެގެންދާ ދުވަސްވަރެކެވެ. މަދިރި އާންމުކޮށް ބިސްއަޅަކީ ޗަކަ ފެންގަނޑުތަކަށާއި، ވޭރޭވެހި ތަންތާނގައި ހަރުލާފައި ހުންނަ ފެންގަނޑުތަކަށެވެ.

ޑެންގީ ފެތުރުން ހުއްޓުވަން ބަނގްލަދޭޝްގެ ކަމާބެހޭ އޮފިޝަލުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންވެސް ގެންދެއެވެ.

ބަލިމީހުންނާއި، ކުދިންނާއިގެން ބައެއް ހޮސްޕިޓަލްތައް ތޮއްޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޑެންގީ ޖެހިގެން އެތައްސަތޭކަ ބަޔަކު ވެރިރަށް ޑާކާގެ ހޮސްޕިޓަލްތަކަށް ޖަމާވަމުންދާ ކަމަށާއި، ނަމަވެސް ހޮސްޕިޓަލްތައް މިހާރުވެސް ވަނީ ފުރިފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޑެންގީޖެހި ހާލަތު ގޯސްވެއްޖެނަމަ ފެންނަ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުމާއި، ހޮޑުލުމާއި، ގައިގެ ހުޅުތަކާއި ހަށިގަނޑުގެ މަސްތަކުގައި ރިއްސުން ހިމެނެއެވެ.

ޑެންގީގެ ބަލިމަޑުކަން އާންމުގޮތެއްގައި ފެތުރެނީ ޓްރޮޕިކަލް ގައުމުތަކުގައެވެ. އަދި އައުޓްބްރޭކްތައް ފެންނަނީ ރަށްފުށުގައި ސާފުތާހިރުކަން ކުޑަ ހިސާބުތަކުގައެވެ. އެއީ، މަދިރި ފަސޭހައިން އާލާވާގޮތަށް ތަންތަން ހުރުމުންނެވެ.

ބަނގްލަދޭޝްގައި ކުރިން ޑެންގީ ފެތުރެނީ މޫސުމީ ގޮތެއްގައި ނަމަވެސް، މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު ވިއްސާރަ ދުވަސްވަރު އައު އާންމުވެ، ޑެންގީ ފެތުރުންވެސް މިހާރުވަނީ އާންމުވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފައިވަނީ، ބަނގްލަދޭޝްގެ 64 ޑިސްޓްރިކްޓުންވެސް ޑެންގީގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ބަނގްލަދޭޝްގެ ޑޮކްޓަރުން ބުނަނީ، އެގައުމުގައި ޑެންގީ ޖެހިފައިވާ މީހުންގެ ހާލަތު، ކުރީ އަހަރުތަކާ އަޅާބަލާއިރު ވަރަށް އަވަހަށް ބަދަލުވެ ގޯސްވަމުންދާ ކަމަށެވެ.

ޑެންގީ ފެތުރުން އާންމުވުމާ ގުޅިގެން، މަދިރި އާލާވާ ތަންތަން ނައްތާލުމަށް އާންމުން ހޭލުންތެރި ކުރުމުގެ ކެމްޕެއިނެއްވެސް، ސިއްހީ އިދާރާތަކުން ފަށާފައި ވެއެވެ.

ބަނގްލަދޭޝްގެ އާންމު ސިއްހަތުގެ ތަޖުރިބާކާރެއް ވިދާޅުވީ، ޑެންގީއަކީ ވަގުތީ ކަމެއް ކަމަށާއި، ދުވަސްކޮޅަކުން ހުއްޓިދާނެ ކަމަށް ބައެއް މީހުން ދެކޭތީ، ބަލި ފެތުރުން ހުއްޓުވަން ދިގު މުއްދަތުގެ ފިޔަވަޅު އެޅުމަށް ސަމާލުކަން ނުދޭ ކަމަށެވެ.