ތުރުކީގައި ޓެރަރިސްޓުން ހާސިލްކުރަން ބޭނުންވާ މަގްސަދު ދުވަހަކުވެސް ހާސިލް ނުވާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

ތުރުކީގެ ރައީސް މި މޭރުމުން ވާހަކަފުޅު ދެއްކެވީ، ވެރިރަށް އަންކާރާގައި ހުންނަ ދާޚިލީ ވުޒާރާއަށް އަމާޒުކޮށް މިއަދު ދިން ބޮމުގެ ހަމަލާގެފަހުން، ތުރުކީގެ ޕާލަމެންޓް އައު ދައުރަކަށް ހުޅުވުމަށް ބޭއްވި ޚާއްސަ ޖަލްސާގައެވެ.

ޕާލަމެންޓް އިމާރާތް ހުންނަނީވެސް ދާޚިލީ ވުޒާރާ ހުންނަ ސަރުކާރުގެ އިމާރާތާ ގާތުގައެވެ.

ދާޚިލީ ވުޒާރާ ހުންނަ އިމާރާތަށް ހަމަލާދޭން އައީ ދެމީހަކު ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި ހަމަލާގައި، އަމިއްލައަށް ބޮން ގޮއްވާލުގެ ސަބަބުން ހަމަލާދޭން އައި އެކަކު މަރުވިއިރު، ދެވަނަ މީހާގެ ގަޔަށް ބަޑިޖަހައި މަރާލީ ފުލުހުންނެވެ.

މި ހަމަލާގެ ތެރޭގައި ފުލުހުންގެ ދެމީހަކަށް އަނިޔާވިއެވެ.

ވެހިކަލެއްގައި އައި ދެ މީހުންނަށް ދާޚިލީ ވުޒާރާގެ ތެރެއަށް ވަދެގަނެ ހަމަލާ ދެވޭގޮތްނުވީ ފުލުހުން އެމީހުން ހުއްޓުވުމުންނެވެ.

ތުރުކީ ސަރުކާރުގެ ދާޚިލީ ވަޒީރު އަލީ ޔެރްލިކަޔަ އެކްސް ޕްލެޓްފޯމްގައި ޕޯސްޓްކުރެއްވި މެސެއްގައި ވިދާޅުވީ، ދާޚިލީ ވުޒާރާއަށް ހަމަލާދޭން ދެ ޓެރަރިސްޓުން އައީ، މުދާ އުފުލާ ވެހިކަލެއްގެ ޑްރައިވަރު މަރާލުމަށްފަހު އެ ވެހިކަލްގައި ކަމަށެވެ.

މިއީ، 2016 ވަނަ އަހަރުގެ ފަހުން، ތުރުކީގެ ވެރިރަށުގައި ދެވުނު މިފަދަ ފުރަތަމަ ހަމަލާއެވެ.

މިހަމަލާއާ ގުޅިގެން ތުރުކީގެ ރައީސް އުރުދުޣާން ޕާލަމެންޓްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ޓެރަރިސްޓުން މަސައްކަތް ކުރަނީ ތުރުކީން ސުލްހައާއި، ރައްޔިތުންގެ ސަލާމަތްތެރިކަން ނަގާލަން ކަމަށެވެ.

ނަމަވެސް، އެމީހުންގެ މަސައްކަތް ތުރުކީގައި ދުވަހަކުވެސް ކާމިޔާބު ނުވާނެ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

މިއަދުގެ ހަމަލާ، ތުރުކީން ތަހްގީގު ކުރަން ފަށާފައިވާއިރު، ވެރިރަށް އަންކާރާގައި މިހާރުވަނީ ސަލާމަތީ ފިޔަވަޅުވެސް އިތުރަށް ވަރުގަދަ ކޮށްފައެވެ.

ތުރުކީގެ ވެރިރަށަށް ދެވުނު ހަމަލާ، ސައުދީ އަރަބިއްޔާ، ޕާކިސްތާން، މިސްރު، އެމެރިކާ، އީޔޫ އަދި ޔޫރަޕާއި އެހެން ގައުމުތަކުން ކުށްވެރިކޮށްފައިވެއެވެ.