އެޕަލް ކުންފުނިން ބާޒާރަށް ނެރެފައިވާ އައިފޯން 15 އާއި 15 ޕްރޯގެ ޑިވައިސްތައް ދޮންބޮޑުވާ މައްސަލައިގައި ސޯޝަލްމީޑިއާގައި އާންމުން ޝަކުވާކުރަން ފެށުމުން، އެ ކުންފުނިން ރައްދުދީފިއެވެ.
އެޕަލްގެ އެންމެފަހުގެ އުފެއްދުންތައް ކަމަށްވާ އައިފޯން 15 އާއި ވޮޗް ސީރީޒް 9 ތައާރަފުކުރީ ހުސްވި ސެޕްޓެމްބަރު މަހުގައެވެ.
އައިފޯން 15 އާއި 15 ޕްރޯ ނެރުނީ 48 މެގަޕިކްސެލް މެއިން ކެމެރާއަކާ އެކުގައެވެ. އައިފޯން 15 ޕްރޯ އާއި ޕްރޯ މެކްސް ޓައިނޭނިއަމް ޑިޒައިނާއެކު އުފައްދާފައިވަނީ މިހާތަނަށް އެންމެ ތުނި ބޯޑަރާ އެކުގައެވެ.
އައިފޯން 15 އާއި 15 ޕްރޯ ބާޒާރަށް ނެރުމާއެކު އެޕަލްގެ ގިނަ އަދަދެއްގެ ފޭނުންވަނީ އައު އައިފޯން ގަނެފައެވެ. އައިފޯން 14 ގެންގުޅެމުންއައި ގިނަ ބަޔަކުވެސް އައިފޯން 15 އަށް އަޕްގްރޭޑްކޮށްފައިވާއިރު، މި ފޯނުތައް ބޭނުންކުރާ މީހުންނަށްވަނީ ކަމެއް ފާހަގަކުރެވިފައެވެ.
އެއީ ފޯން ބޭނުންކުރާތާ މާ ގިނައިރެއްނުވެ އޯވާހީޓްވާ ނުވަތަ ދޮންބޮޑުވާ މައްސަލައެވެ. އަތްލާން ނުކުރޭ ވަރަށް ފޯނު ހޫނުވާ މައްސަލައެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި ހޫނުމިން 80 ޑިގްރީއަށްވުރެ މައްޗަށް އަރައެވެ. ބައެއް މީހުން ބުނި ގޮތުގައި، ފޯން ޗާޖުކުރަން ޖަހާތާ އިރުކޮށް ތެރޭގައިވެސް ދޮންބުޑުވެއެވެ.
މިކަމާ ގުޅިގެން ގިނަ ބައެއް ޝަކުވާ ސޯޝަލްމީޑިއާއަށް އޮއްސާލުމުން، އެޕަލްއިން ވަނީ އެކަމުގެ ސަބަބު ހޯދުމަށްފަހު އާންމުންނަށް ހިއްސާކޮށްފައެވެ.
އެ ކުންފުނިން ބުނާ ގޮތުގައި، ފޯން ދޮންބޮޑުވަނީ ހާޑްވެއަރގެ މައްސަލައަކުން ނުވަތަ ފޯން ފަރުމާކޮށް އުފައްދާފައިވާ ގޮތަކުން ނޫނެވެ. އެހެން މެދުވެރިވަނީ ސޮފްޓްވެއަރ މައްސައަކުން ކަމަށާއި އެއީ އައިއޯއެސް 17 ގައި އުޅޭ ބަގްއެއްގެ ސަބަބުން ކަމަށް އެޕަލްއިންވަނީ ބުނެފައެވެ.
އައިފޯން 15 799 ޑޮލަރަށް އައި އައިފޯން ޕްރޯ 999 ޑޮލަރަށް ވިއްކާއިރު ޕްރޯ މެކްސް ވިއްކާނީ 1199 ޑޮލަރަށެވެ. އައިފޯން 15 ވަނީ މިދިޔަ މަހުގެ 22 އިން ފެށިގެން އާންމުކޮށް ވިއްކަން ފަށާފައެވެ.