ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި މިއަދު ބާއްވަން އެޖެންޑާކުރި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ ހަތްވަނަ ޖަލްސާއަށް ކޯރަމް ހަމަވާ ވަރަށް އިއްޒަތްތެރި މެމްބަރުން ވަޑައިނުގެންނެވުމުން ޖަލްސާ ބޭއްވޭ ގޮތެއް ނުވިއެވެ.
ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި އޮންނަ އާންމު އުސޫލުގެ މަތިން މިއަދު ހެނދުނު 9:00ގައި ފަށަން ތާވަލުކުރި، ޖަލްސާ ފަށާ ގަޑި ޖެހުނުއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަޑައިނުގަނެންނެވި ނަމަވެސް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ރައީސް މުހައްމަދު ނަޝީދު ވަޑައިގެން ރިޔާސަތުގައި އިންނެވިއެވެ.
ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މިއަދުގެ ޖަލްސާ ފަށާ ގަޑި ޖެހުނު އިރު ތަޅުމުގައި ވަޑައިގެން ތިއްބެވީ އެންމެ 15 އިއްޒަތްތެރި މެމްބަރުންނެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޖުމްލަ 87 މެމްބަރުން ތިއްބަވައެވެ.
ރައީސް ނަޝީދު ވިދާޅުވީ، ކޯރަމްގެ ރަނގަބީލު ޖެއްސެވުމަށް ފަހުގައި ބަލަން ޖެހޭ ވަގުތަށް ވެސް ބައްލަވައި ނިމިއްޖެ ކަމަށާއި ގިނަ އިއްޒަތްތެރި މެމްބަރުން މަޖިލީހަކަށް ވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ އެމަނިކުފާނަށް މަޖުބޫރުވެވަޑައިގަތީ މިއަދުގެ މަޖިލިސް ބައްދަލުވުން ނޯންނާނެ ކަމަށް އަންގައި އިއުލާނުކުރަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު މުހިންމު ބިލްތަކެއްގެ މަސައްކަތް ހިމެނެއެވެ.
ރައްޔިތުންގެ މަޖިލީހުން ޚާއްސަ އިސްކަންދީގެން ނިންމަން މަސައްކަތް ކުރަމުންދާ ބިލްތަކުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަލުން އެކުލަވާލުމުގެ ބިލާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ނުވާ ގޮތް ހެދުމަށް ހުށަަހަޅާފައިވާ ބިލު ހިމެނެއެވެ.
މީގެއިތުރުން ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް މިމަހުގެ 30ގެ ކުރިން ވޯޓެއް ނެގުމަށް މަޖިލީހުން ފާސްކޮށްފައިވާއިރު މިވޯޓާ ގުޅިގެން ޤާނޫނުއަސާސީގެ ބައެއް މާއްދާތައް އިސްލާހުކުރާނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން އޮންނަ އޮތުމަށް އިސްތިސްނާއެއް ލުމަށްވެސް ދަ ޑިމޮކްރެޓްސްއިންވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އެކަމާމެދު ގޮތެއް ނިންމުންވެސް އޮތީ އެޖެންޑާކޮށްފައެވެ.
މިއިސްލާހުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންގެ ހިޔާލު ހޯދުމަށް އޮންނަ އޮތުން މަޖިލީހުން ބޭނުންވާނަމަ މަޖިލީހުންވެސް އެކަން ކޮށްލެވޭ ގޮތަށް ޤާނޫނުއަސާސީ އިސްލާހުކުރުމެވެ.
މިފަހުން ކޯރަމް ހަމަނުވެގެން ޖަލްސާ ނުބޭއްވޭ މައްސަލަ އަންނަނީ ތަކުރާރުވަމުންނެވެ. މިދިޔަ ހަފުތާގައި ބާއްވަން އުޅުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށްވެސް މެމްބަރުން ވަޑައިނުގެންނެވުމުން ކެންސަލް ކުރަން ޖެހުނެވެ. ރިޔާސަތުން ނަޝީދު އެދުވަހު އިއުލާނުކުރެއްވީ ޖަލްސާއެއް ބޭއްވޭތޯ އެމްޑީޕީއާ މަޝްވަރާކުރައްވާނެ ކަަމަށެވެ.