ނިމިދިޔަ ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި، ފުރަތަމަ ބުރުގައި ހެދުނު ގިނަ ގޯސްތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރަނގަޅުކޮށްފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން އާދީއްތަ ދުވަހުގެ ރޭ އެޗްއާރްސީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއާރްސީމްގެ ރައީސާ މަރިޔަމް މުނާ ވިދާޅުވީ، އިންތިޚާބުގެ ފުރަތަމަ ބުރާ އަޅާބަލާއިރު، ގިނަ ކަންތައްތަކެއް އިލެކްޝަންސް ކޮމިޝަނުން ރަނގަޅުކޮށްފައިވާ ކަމަށެވެ.
މުނާވަނީ އޭގެ ތެރެއިން ބައެއްކަންކަންވެސް ފާހަގަކުރައްވާވަފއެވެ. އެގޮތުން ވޯޓުލާ މަރުކަޒްތަކުގައި ހަރަކާތްތެރިވި އޮފިޝަލުންގެ އަދަދު އިތުރުކޮށް ވޯޓުލާ މީހުންނަށް ފަސޭހަވާނޭހެން އިންތިޒާމުތައް ހަމަޖައްސާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މުނާ ވިދާޅުވި ގޮތުގައި އިދާރީ މަސައްކަތްތައް ފުރަތަމަ ބުރަށްވުރެ ދެވަނަ ބުރުގައި ފުރިހަމައެވެ.
މުނާ ވިދާޅުވީ، ފުރަތަމަ ބުރަށްވުރެ ދެވަނަ ބުރުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވޯޓުލެވޭނެ އިންތިޒާމު ހަމަޖައްސާވައިވާ ކަމަށެވެ. ވޯޓުލާ ވަގުތު އިތުރުކުރުމަކީވެސް ގެނެވުނު ރަނގަޅު ބަދަލެއްގެ ކަމަށް މުނާ ވިދާޅުވިއެވެ.
އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، ވޯޓުލާ ވަގުތު އެއް ގަޑިއިރަށް އިތުރުކުރިކުރުމުގެ އަސަރެއްގެ ގޮތުން ވޯޓަރސް ޓަރންއައުޓް ރަނގަޅުވިއެވެ.
ދެވަނަ ބުރުގައި ބާތިލު ވޯޓު މަދުވި ކަމަށާއި އޭގެ އެއް ސަބަބަކީ ބާތިލު ވޯޓު މަދުކުރުމަށް މަރުކަޒުގައި ހަރަކާތްތެރިވި އޮފިޝަލުންނަށް ދެވުނު ފުރިހަމަ ތަމުރީން ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މުނާގެ ވާހަކައިގައިވަނީ ވޯޓުލާ ބޫތުތަކަށް އިލެކްޝަންސް ކޮމިޝަނުން ގެނައި ބަދަލުވެސް ފާހަގަކުރައްވާފައެވެ. އޭގެ ސަބަބުން ވޯޓުގެ ސިއްރުކަން ކަށަވަރުވެގެންދިޔަ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މުނާ ވިދާޅުވީ ފުރަތަމަ ބުރުގައި ގަޑިއަށް 63 މަރުކަޒެއްގައި ވޯޓުލާން ނުފެށި ދިޔަނަމަވެސް ދެވަނަ ބުރުގައި ހުރިހާ ފޮއްޓެއްގައިވެސް ގަޑިއަށް ވޯޓުލާ ފެށި ގަޑިއަށް ވޯޓުލުން ނިމުނުކަން ފާހަގަކުރެވުނު ކަމަށެވެ. އަދި މައްސަލަތަކާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވާން ޖެހުނު ނިސްބަތް މަދުކަން އެޗްއާރްސީއެމްއިން ފާހަގަކުރައްވައެވެ.
ޖުމުލަކޮށް އިންތިޚާބުގެ ކަންކަން ވަރަށް ފުރިހަމަކަން އެޗްއާރްސީއެމްއިން ފާހަގަކުރެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު އިއުލާނުކޮށްފައިވާ ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާގައިވާ ގޮތުން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 282,804 މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 246،915 މީހެކެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 87.3 އިންސައްތައެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލާފައިވަނީ 225،486 މީހުންނެވެ. އެއީ 79.85 އިންސައްތައެވެ.
ދެވަނަ ބުރުގައި ކުރިހޯއްދަވައި، ކުރިއަށް އޮތް ފަސް އަހަރަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެވަޑައިގަތް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގަތީ 129,159 ވޯޓެވެ. މިއީ ވޯޓުލީ މީހުންގެ 54.33 އިންސައްތައެވެ. ރައީސް ޞާލިޙަށް އިންތިޚާބުގައި ލިބިވަޑައިގަތީ 109،868 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 45.67 އިންސައްތައެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރެކޭ އެއްފަދައިން ދެވަނަ ބުރުގައި ވެސް ގިނަ އަަދަދެއްގެ ވޯޓު، ބާތިލު ވޯޓުގެ ގޮތުގައި ގުނާފައިވެއެވެ. ދެވަނަ ބުރުގައި ބާތިލު ވޯޓުގެ ގޮތުގައި 7،888 ވޯޓު ގުނާފައިވެއެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހެނދުނު 8 ޖެހިއިރުއެވެ. ވޯޓުލާން ހަދާ ކިޔޫ ބަންދުކޮށްފައިވަނީ ހަވީރު 17:00 ގައެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ޖުމްލަ 586 ވޯޓުފޮށްޓެއް ބަހައްޓާފައެވެ.