އިންތިޚާބީ ރައީސް މަގާމުގެ ހުވާކުުރުމުގެ ރަސްމިއްޔާތު ނޮވެންބަރު 2023ވާ ހުކުރު ދުވަހު ބޭއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކޮށްފިއެވެ.
މަޖިލީހުގެ ޑައިރެކްޓާ އޮފް މީޑިއާ ހަސަން ޒިއާއު ވިދާޅުވީ ޤާނޫނުއަސާސީގެ 114ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ކަނޑައަޅާފައިވާ މީހަކު މަޤާމާ ޙަވާލުވުމުގެ ކުރިން މަޤާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކަމަށެވެ.
އެހެންކަމުން 17 ނޮވެންބަރު 2023ވާ ހުކުރު ދުވަހު އެ ޖަލްސާ ބޭއްވުމުގެ އިންތިޒާމްތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރިއަށް ގެންދަމުންދާ ކަމަށްވެސް ޒިއާއު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު އިއުލާނުކޮށްފައިވާ ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާގައިވާ ގޮތުން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 282,804 މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 246،915 މީހެކެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 87.3 އިންސައްތައެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލާފައިވަނީ 225،486 މީހުންނެވެ. އެއީ 79.85 އިންސައްތައެވެ.
ދެވަނަ ބުރުގައި ކުރިހޯއްދަވައި، ކުރިއަށް އޮތް ފަސް އަހަރަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެވަޑައިގަތް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގަތީ 129,159 ވޯޓެވެ.
މިއީ ވޯޓުލީ މީހުންގެ 54.33 އިންސައްތައެވެ. ރައީސް ޞާލިޙަށް އިންތިޚާބުގައި ލިބިވަޑައިގަތީ 109،868 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 45.67 އިންސައްތައެވެ.