ޤާނޫނީ ހުރަހެއްނެތް ނަމަ ނޮވެމްބަރު 11ގައި ވެރިކަން ބަދަލުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި، ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ، އެމަނިކުފާނު އެދިވަޑައިގަންނަވަނީ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ނޮވެމްބަރު 11ގައި ވެރިކަން ބަދަލުކުރެއްވުމަށް ކަމަށެވެ.
އެހެން ނަމަވެސް، އެކަމުގައި ޤާނޫނީ ހުރަހެއް އޮތްތޯނެތްތޯ ބަލަންޖެހޭ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޤާނޫނީ ހުރަހެއް ނެތް ނަމަ ނޮވެމްބަރު 11ގައި ވެރިކަން ބަދަލުވެގެންދާނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑރ. މުޙައްމަދު މުއިއްޒަށް އަންނަ ނޮވެމްބަރު 11ގައި ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެވޭނެ ގޮތް ހަދަން ސަރުކާރުން މިއަދުވަނީ މަސައްކަތް ފަށާފައެވެ.
ޤާނޫނުއަސާސީގެ 107 ވަނަ މާއްދާގެ ހ.ގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ދައުރަކީ ފަސް އަހަރެވެ. މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މަގާމުގެ ހުވައި ކުރައްވައި، ވެރިކަމާ ހަވާލުވެވަޑައިގަތީ 17 ނޮވެމްބަރު 2018 ގައެވެ. އެހެންކަމުން އެމަނިކުފާނުގެ ދައުރު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ.
ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކަށް އެ ދުވަހު ހުވައި ކުރެއްވޭނެ ގޮތް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޞާލިޙްވަނީ މީގެ ކުރިން ކެމްޕެއިންގައްޔާއި ބައެއް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވިދާޅުވެފައެވެ.
1968 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގެ ރިޔާސީ ދައުރު ފެށޭ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ 11 ނޮވެމްބަރެވެ.
ރިޔާސީ ދައުރު ފެށޭ ދުވަސް ނޮވެމްބަރު 17އަށް ބަދަލުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެ ބުރެއް ސުޕްރީމްކޯޓުން ބާތިލުކުރުމުން، އިންތިޚާބު ބޭއްވި ތާރީޚު ބަދަލުވުމުންނެވެ. އެ އަހަރު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވީ ނޮވެމްބަރު 16 ގައެވެ.
އެ އިންތިޚާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް ޔާމީން މަގާމުގެ ހުވައި ކުރެއްވީ ޖެހިގެން އައި ދުވަހެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރި ރަސްމީ ނަތީޖާގައިވާ ގޮތުން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 282,804 މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 246،915 މީހެކެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 87.3 އިންސައްތައެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލާފައިވަނީ 225،486 މީހުންނެވެ. އެއީ 79.85 އިންސައްތައެވެ.
ދެވަނަ ބުރުގައި ކުރިހޯއްދަވައި، ކުރިއަށް އޮތް ފަސް އަހަރަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުވެވަޑައިގަތް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގަތީ 129,159 ވޯޓެވެ.
މިއީ ވޯޓުލީ މީހުންގެ 54.33 އިންސައްތައެވެ. ރައީސް ޞާލިޙަށް އިންތިޚާބުގައި ލިބިވަޑައިގަތީ 109،868 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 45.67 އިންސައްތައެވެ.