ވަކި މީހަކު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިމް ޕާޓީ (އެމްޑީޕީ) ގައި ހުރުން އެމަނިކުފާނަށް މުހިންމު ނޫންކަމަށް އެ ޕާޓީގެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާލުވެއްޖެއެވެ.

ރައީސް ޞާލިޙް މިފަދައިިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ތައްޔާރަށް ހުންނެވިކަމަށް ދަ ޑިމޮކްރެޓްސްގެ ބާނީ އަދި އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުވަނީ މިފަހުން ވިދާޅުވެފައެވެ. ރައީސް ޞާލިޙަށް އެމަނިކުފާނު ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ގައުމީ މަޖިލީހުގެ ރުހުން އޮތްނަމަ އެމަނިކުފާނު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ.

މިކަމާ ގުޅިގެން ރައީސްގެ ވިސްނުންފުޅަކީ ކޮބައިތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ރައީސް ޞާލިޙް ވިދާޅުވީ، އެމްޑީޕީއަކީ ވަކި މީހަކު ހުރެގެން ކުރިއަށްދާނެ ޕާޓީއެއް ނޫންކަމަށެވެ. އަދި ކޮންމެހެން ވަކި މީހަކު އެޕާޓީގައި ހުރުން އެމަނިކުފާނަށް މުހިންމު ނޫންކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ރައީސް ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް އަދި ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ފުރޮޅާލުމަށްވެސް ޤައުމީ މަޖިލީހުގެ 99 އިންސައްތަ ބޭފުޅުން ވިދާޅުވަނީ ނޫނެކޭ ކަމަށެވެ.

ރައީސް ނަޝީދުވެސް އެހެން މީހުންނެކޭ އެއްގޮތަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ވަނުމަށް އެދޭ ފޯމު ހުށަހެޅުއްވީމާ އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު ޕާޓީން ނިންމާ ގޮތަކަށް އެކަންވާނެ ކަމަށެވެ.

ތަކުރާރުކޮށް އެކަމާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ރައީސް ޞާލިހްވަނީ، ރައީސް ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަތުމާމެދު އިތުރު ވާހަކަފުޅެއްދައްކަވަން އުޒުރުވެރިވެވަޑައިގެންފައެވެ.

ކުރީގެ ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ، އެޕާޓީން މިދިޔަ ޖެނުއަރީ މަހު ބޭއްވި ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވެވަޑައިގެންނެވުމުން އުފެދުނު ދެބަސްވުމުގައެވެ.

"ފިކުރެއްގެ ދިރުން" ނަމުގައި އެެމަނިކުފާނު އޭރު އުފެއްދެވި ފެކްޝަނުން ފަހުން ދަ ޑިމޮކްރެޓިކްސް ނަމުގައި ޕާޓީއެއް އުފެއްދެވިއެވެ.