ތިލަމާލޭ ބްރިޖުގެ މަސައްކަތް ނިންމާލެވުނުނަމަ ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ތިލަމާލެ ބްރިޖްގެ މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހިންގާ އުމްރާނީ އެންމެ ބޮޑު މަޝްރޫއެވެ. ބްރިޖު އެޅުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނަކާއި، 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ބްރިޖްގެ މަސައްކަތް 2024 ވަނަ އަހަރުގެ މެދާ ހަމައަށް ނިންމަން އަމާޒު ހިފާފައިވާއިރު، މި މަޝްރޫއުގެ ދަށުން ތިން ބްރިޖާއި، ކޯސްވޭއެއް ތަރައްގީކުރާނެއެވެ. ބްރިޖްގެ މަގުތަކުގެ ނެޓްވާކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެއިތުރަށް ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައް ވެސް ހުންނާނެއެވެ.

ބްރިޖުގެ މަސައްކަތް ލަސްވެ އާންމު ރައްޔިތުންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައިވަނިކޮށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތިލަމާލެ ބްރިޖްގެ މަސައްކަތް ލަސްވާތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ.

އަދި ތިލަމާލެ ބްރިޖް ނިންމަން އޮތް މުއްދަތަށް އެ މަސައްކަތް ނިންމާނުލެވުނުކަން ފާހަގަކުރައްވާ ރައީސް ވަނީ އެ މަސައްކަތް ނިންމުނުނަމަ އިންތިޚާބަށްވެސް އޭގެ ހެޔޮ އަސަރެއް ކުރިކަން ފާހަގަކުރައްވާފައެވެ.

ޓެކްނިކަލް އެތަށް މައްސަލައަކާ ހެދި އެކަން ފަސްވެގެންގޮސްފަ އޮތްކަން އަޅުގަނޑު ފާހަގަކުރަން. އަޅުގަނޑުމެން ފަށާފަ ހުރި ޕްރޮޖެކްޓްތައް ކުރިއަށްގެންދިޔުމަށް އަންނަން އޮތް ސަރުކާރާއެކު މަޝްވަރާކުރާނަން."
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް

ތިލަމާލެ ބްރިޖްގެ މަސައްކަތް މަޑުޖެހިފަވާއިރު މި މަޝްރޫއުގެ ރޯޑް ލައިޓިން، ނެވިގޭޝަން ލައިޓިން، ޑެކް ސެލް ލައިޓިން ސީ.ސީ.ޓީ.ވީ އަދި ސައިން ގެންޓްރީގެ ލައިޓިން އާއި އާކިޓެކްޗަރަލް ލައިޓިން ފޯރުކޮށްދިނުމަށް ބޭނުންކުރާނީ އިރުގެ ހަކަތައެވެ. އަދި ލޭމްޕް ޕޯސްޓްތަކާއި ބްރިޖްގެ ޕަރަޕެޓްތަކުގައި ސޯލާ ޕެނަލް ހަރުކުރާނެއެވެ.

މިއީ ސަރުކާރުގެ އިގްތިސާދީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ވައުދެވެ.