ރިޔާސީ އިންތިޚާބު 2023 ކާމިޔާބުކުރެއްވި ޑރ. މުހައްމަދު މުއިއްޒުއަށް، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުއާއި ވަލީއަޙުދު މުހައްމަދު ސަލްމާން ބިން އަލް ސައުދު މަރުހަބާ ވިދާޅުވެއްޖެއެވެ.
ސައުދީ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ރަސްގެފާނު ސަލްމާން އަދި ވަލީއަޙުދު މުހައްމަދު ބިން ސަލްމާން ފޮނުއްވި ހާއްސަ މެސެޖެއްގައި ޑރ. މުއިއްޒުއަށް މަރުހަބާ ވިދާޅުވުމަށްފަހު، ޑރ. މުއިއްޒުގެ މަސައްކަތުގައި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.
އަދި ޑރ. މުއިއްޒުގެ ވެރިކަމުގައި، ދިވެހި ރައްޔިތުންނަށް ފާގަތި ދުވަސްތަކަކަށް އަދި ދިވެހިރާއްޖެއަށް ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.
މީގެއިތުރުން، ސައުދީއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަތުރެކް ބިން ޢަބްދުﷲ އަލްޢަޖާލީން އަލްދައުސަރީ ވެސް ވަނީ މުއިއްޒަށް މަރުހަބާ ދަންނަވާފައެވެ.
ސަފީރު ކުރެއްވި ޓްވީޓެއްގައި ވަނީ، ފަސް އަހަރުގެ ވެރިކަމުގައި ގިނަ ކާމިޔާބީތަކަށް އެދޭކަމަށް ވިދާޅުވެފައެވެ. އަދި ސައުދީން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން އަބަދު ވެސް ފޯރުކޮށްދެމުންދާނެކަމަށް ވެސް އެ ޓްވީޓުގައިވެއެވެ.
އިންތިޚާބުން ހޯއްދެވި ކާމިޔާބީއާ ގުޅިގެން ބޭރުގެ ގިނަ ގައުމުތަކުގެ އިސްވެރިން ވަނީ މުއިއްޒަށް މަރުހަބާ ވިދާޅުވެފައެވެ. އެގޮތުން އެންމެފުރަތަމަ ޑރ. މުއިއްޒުއަށް މަރުހަބާ ވިދާޅުވީ އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ. އިންތިހާބީ ރައީސްއަށް މަރުހަބާ ދަންނަވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ، އިންޑިއާ އާއި ރާއްޖޭއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ބަދަހިކޮށް ދެމެހެއްޓުމަށާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެއްބާރުލުން އިތުރުކުރުމަށް އެ ގައުމުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު ޑރ. މުއިއްޒު ކާމިޔާބުކުރެއްވީ، ފުރަތަމަ ބުރުގައި ހޯއްދެވި ކާމިޔާބީއާއެކު ދެވަނަ ބުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާ ވާދަކުރައްވައިގެންނެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި ޑރ. މުއިއްޒު ވަނީ ވޯޓުލީ މީހުންގެ 54.33 އިންސައްތަ ވޯޓު ހޯއްދަވާފައެވެ. އެއީ 129,159 ވޯޓެވެ. ރައީސް ޞާލިޙަށް ލިބިވަޑައިގެންނެވީ 109،868 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 45.67 އިންސައްތައެވެ.
އިންތިޚާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއްގައެވެ.
އެހެންނަމަވެސް، ޤާނޫނީ ހުރަހެއްނެތްނަމަ ނޮވެމްބަރު 11 ގައި ވެރިކަން ބަދަލުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވެއެވެ.