މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެލާޓް ލެވަލް އެންމެ މަތީ ދަރަޖައަށް ބަދަލުކުރުމަށްފަހު، އިންތިޚާބާ ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަން ނިންމާލައި އެލާޓް ލެވަލް ދަށްކޮށްފިއެވެ.

ރިޔާސީ އިންތިހާބާއި ގުޅިގެން ފުލުހުން ވަނީ އޮޕަރޭޝަން ބްލޫ ވޭވްގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަނަށް ފުލުހުންގެ އެލާޓް ލެވަލް އެންމެ މަތީޖ ދަރަޖައަށް ބަދަލުކުރިއިރ، މާލެ ސަރަހައްދުގައި ފުލުހުންގެ އެކި ޔުނިޓުތަކުން ހަރަކާތްތެރިވެފައިވެއެވެ.

މި އޮޕަރޭޝަންގެ މަގުސަދަކީ، މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ސަލާމަތީގޮތުން ރައްކާތެރި އަމާން މާހައުލެއް ގާއިމުކޮށްދީ، އިންސާނީ ކަރާމާތަށް އުނިކަމެއް ނާންނާނެގޮތުގެ މަތިން އިންސާނީ ހައްގުތައް ރައްކާތެރިކޮށް އަދި ކޮމިއުނިޓީ ޕޮލިސިން ފަލްސަފާއާ އެއްގޮތަށް، އިންތިހާބުގެ ކުރިންނާއި ފަހުން، ދިވެހިރާއްޖޭގެ ދާހިލީ ހަމަޖެހުމާއި އަމަން އަމާންކަަމަށް ހުރަސްއެޅޭފަދަ އެއްވެސް ނުރައްކަލަކަށް ފުރުސަތުނުދީ އަދި ދިމާވެދާނެ ހަމަނުޖެހުމެއް ރޭވުންތެރިކަމާއެކު އާންމު ހާލަތަށް ބަދަލުކުރުމެވެ.

އެގޮތުން އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮތްދުވަހު، އެސްއޯ ފުލުހުންނާއި، އެހެނިހެން ބައެއް ހާއްސަ ޔުނިޓުތަކުން ހަރަކާތްތެރިވެފައިވެއެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނީ، ރިޔާސީ އިންތިހާބުގެ ސަލާމާތަކީ ކަންކަން ބެލެހެއްޓުމަށް ފުލުހުުން ކުރިއަށް ގެންދިޔަ ކާމިޔާބު އޮޕަރޭޝަނަށް ފުލުހުންގެ އޮޕަރޭޝަނަލް ލެވެލް 3 އަށް މަތި ކުރުމަށްފަހު މިހާރު ލެވެލް 1 އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކުރިއަށްދިޔައިރު، ޖިިނާއީ ކުށްތަކަށް އަރައިގަންނަ ގްރޫޕްތަކުގެ ހަރަކާތްތައް މާލެ ތެރޭގައި އެ ދުގަހު އިތުރުވެފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުން ހަރަކާތްތެރި ވަމުން ގޮސްފައި ވެއެވެ. އަދި އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރަށްރަށުގައި ފުލުހުން ހަރަކާތްތެރިވިއިރު، އިތުރު ފުލުހުން ބޭނުންވެއްޖެ ހާލަތެއްގައި އެ ރަށަކަށް ފޮނުވުމަށް ފުލުހުންގެ ޓީމެއް ކޮންމެ ރީޖަނެއްގައި ވެސް ގާއިމް ކުރިއެވެ.