ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރުކަމުގައި ހުންނަވަނިކޮށް، ވަރަށް އަނިޔާވެރިގޮތަކަށް ހަމަލާދީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާއަށް މިއަދަށް 11 އަހަރު ވީއެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ އެއްވަނަ ދުވަހުގެ ރޭ ޓީވީއެމުން ބްރޯޑްކާސްޓްކުރި “އިސްލާމީ ދިރިއުޅުން” ޕްރޮގްރާމް ނިންމަވާލެއްވުމަށްފަހު އެނބުރި ގެއަށް ވަޑައިގަތް ވަގުތު އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވި ހ. ފުންވިލުގެ ސިޑިމަތިން ދިން ލާއިންސާނީ ހަމަލާތަކެއްގައެވެ.

އެރޭ ދަންވަރު ގާތްގަނޑަކަށް 1:15 ހާއިރު ހިނގި މިހާދިސާއަށްފަހު، ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނިކޮށް އެންމެ ފުރަތަމަ ފެނިވަޑައިގަތީ އެމަނިކުފާނުގެ އަނބިކަނބަލުން ގުރައިޝާ މުހައްމަދަށެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުރިން އެރޭ ގާތްގަނޑަކަށް 12:00 ހާއިރު އަނބިކަނބަލުންނަށް ފޯނުން ގުޅުއްވައި، ރޭގަނޑުގެ ފަރިއްކޮޅު ތައްޔާރުކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ. ފަރިއްކޮޅު ތައްޔާރުކުރައްވައި، އިންތިޒާރުގައި ހުންނަވައި، އެމަނިކުފާނު ގެއަށް ވަޑައިގަތުން ލަސްވާތީ އެގޭގެ ތިންވަނަ ފަންގިފިލާއިން ތިރި ބައްލަވާލެއްވުމުން އެމަނިކުފާނުގެ ކާރު ފެނިވަޑައިގަތް ކަމަށް ގުރައިޝާވަނީ ވިދާޅުވެފައެވެ.

ގެއަށް ވަދެވަޑައިނުގެން މާގިނައިރުވާތީ ތިރިއަށް ފައިބައިވަޑައިގަތްއިރު، ފެނިވަޑައިގަތީ ދެކެވަޑައިގަތުމަށް ބޭނުންވި މަންޒަރެއް ނޫނެވެ. ލޮބުވެތި ފިރިކަލުންގެ ލެއިން ތަތްތެޅިފައިވާ ހަށިކޮޅެވެ. އެކަމަނާއަށް ޑރ. އަފްރާޝީމްގެ ފުރާނަނެތް ހަށިކޮޅު ފެނިވަޑައިގަތީ ގޭގެ އެންމެ ތިރިން ސިޑިމަތީގައި އޮއްވާ ކަމަށް އަނބިކަނބަލުން ވިދާޅުވެފައިވެއެވެ.

މި ލާއިންސާނީ ޤަތުލުގެ އަޑީގައި ތިބީ ކޮން ބައެއް ހެއްޔެވެ؟ ކީއްވެ ހެއްޔެވެ؟ އެމަނިކުފާނުގެ ކުށަކީ ކޮބައިތޯއެވެ؟ މިއީ މިއަދާ ހަމަައަށްވެސް ޖަވާބު ހޯދިފައިނުވާ ސުވާލުތަކެކެވެ.

ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން ޝަރުޢީ މަރުހަލާގައި މިހާތަނަށް ކުށް ސާބިތުވެފައި ވަނީ ހ. ލޮބީ ހުސައިން ހުމާމް އަޙުމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އިއްވި މަރުގެ ޙުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފައެވެ. އެކަމަކު ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ހުމާމްގެ މައްޗަށް އިއްވާފައިވާ ޤިސާސްގެ ޙުކުމް މުރާޖާކޮށްދޭން އޭނާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައިވަނީ އެދިފައެވެ.

ތޫނު އެއްޗަކުން ހަމަލާދީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ހުމާމްގެ މައްޗަށް މަރުގެ ހުކުމްކުރީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.

ނަމަވެސް މިސަރުކާރުން އުފައްދާފައިވާ، މަރު ކޮމިޝަންގެ ތަހުގީގުގައި ބުރަވެފައި ވަނީ ހުމާމާ އެކު ދައުވާ ލިބި ކުށް ސާބިތު ނުވި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ވެސް ހުމާމާ އެކު ބައިވެރިވެފައިވާ ކަމަށެވެ. ޝާންއަކީ، ސިޔާސީ ބައެއް އިސްބޭފުޅުންގެ ގާތް އެކުވެރިއެކެވެ.

ޝާން އާއި ހުމާމްގެ އިތުރުން އޭރު އުމުރުން 18 ނުފުރޭ ކުއްޖަކަށްވެސް ދައުވާކުރިއެވެ.

މަޖިލީހުގައި ޑރ. އަފްރާޝީމްގެ ހަނދާނުގައި ައުބީރުގެ ދަފްތަރު ހުޅުވުން -- ފޮޓޯ: ރައީސް އޮފީސް

އެންމެފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އުފައްދަވާފައިވާ، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ތަހުގީގީ ރިޕޯޓު ބުނާގޮތުން އަފްރާޝީމްގެ މަރުގެ ފަހަތުގައިވަނީ ދީނީ ހަރުކަށި ފިކުރުގެ ބައެއްގެ އަތެވެ. މިކަމުގައި ސިޔާސީ އެއްވެސް ބައެއްގެ އަތެއްވާކަން ކޮމިޝަނުގެ ތަހުގީގަށް އެނގިފައި ނުވާކަމަށް ކޮމިޝަންގެ ރިޕޯޓުގައި ވެއެވެ. ރިޔާސީ ކޮމިޝަންގެ އެ ރިޕޯޓް ސަރުކާރުން އާންމުކޮށްފައިވަނީ 2019 އަހަރުގެ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހުއެވެ.

2012 ވަނަ އަހަރު ހިނގައިދިޔަ މިހާދިސާއާ ގުޅިގެން، ރިޔާސީ ކޮމިޝަނުން މައްސަލަ ތަހްގީގުކުރަން ފެށުމުގެ ކުރިން މުޅިންވެސް އިވެމުންދިޔައީ އެކަމުގައި ސިޔާސީ ބައެއްގެ އަތެއްވާކަމުގެ ވާހަކަތަކެވެ. ޑރ. އަފްރާޝިމް އަވަހާރަކޮށްލާފައިވަނީ، ސިޔާސީ ބަޔަކު އަޑީގައި ތިބެގެން، ވަރަށް ބޮޑަށް ރޭވިގެންކަމުގެ ވާހަކައެވެ. އެމައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް މީޑިއާއަށް ހާމަކުރީ މިހެންނެވެ.

މަރު ކޮމިޝަންގެ ތަހުގީގުގައި ފޯކަސްކޮށްފައިވާ ދާއިރާތަކަކީ؛

  • އޭރު އޮތް ސަރުކާރާ އިދިކޮޅު ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ މަގްސަދަކަށް ހިންގި ކަމެއްތޯ؟
  • އަމިއްލަ ޕާޓީގެ އެތެރޭގެ ސިޔާސީ ވާދަވެރިކަމުގެ ސަބަބުންތޯ؟
  • 2013 ގެ ރިޔާސީ އިންތިޚާބު އޭރުގެ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ކާމިޔާބުވިޔަ ނުދިނުމުގެ މަގްސަދުގައި
  • ދީނީ ގޮތުން ޚިޔާލު ތަފާތުވުންތޯ؟

އެކަމަކު، ހާދިސާގެ މާފަހުން އުފެއްދި ރިޔާސީ ކޮމިޝަނުން ހިންގި ތަހުގީގަށްފަހު ނެރުނު ރިޕޯޓްގައި ބުނެފައިވަނީ، ތަހުގީގުކުރުމުގައި ކުރިމަތިވި ގޮންޖެހުންތައް ބޮޑު ކަމަށާއި، އެންމެ ބޮޑު ގޮންޖެހުމަކީ، ހާދިސާ ހިނގިފަހުން ގިނައަހަރުތަކެއް ފާއިތުވެފައިވުމުގެ ސަބަބުން އިތުރު ހެކި ހޯދުމުގައި ހުރި ދަތިތަކާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހޯދައި އެއްކޮށްފައިވާ ކަމަށް ގަބުލުކުރެވޭ ސީސީޓީވީ ފުޓޭޖް އާއި އިންޓެލިޖެންސް މައުލޫމާާތާއި ކޯލް ޑޭޓާގެ ތެރެއިން ބައެއް ތަކެތި ނުލިބުން ކަމަށެވެ. އަދި މައްސަލާގައި ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ބަޔަކު ހަނގުރާމަ ކުރުމަށް ރާއްޖެއިން ބޭރަށް ގޮސްފައި ތިބުމާއި، ހެކިބަސްދޭން ތިބި ބައެއް މީހުން ހެކިބަސް ދީފިނަމަ އެމީސްމީހުންގެ ޖާނާއި ފުރާނައަށް ނުރައްކާ އޮތްކަމަށް ބުނެ ހެކިބަސްދިނުމަށް އިންކާރުކުރި ކަންވެސް ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި ބުނެފައި ވަނީ، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލަން އެބަޔަކު ބޭނުންވި ސަބަބު ހޯދުމަށާއި، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލަން ރޭވި މީހުންނާއި އެކަމަށް ޚަރަދުކުރި ފަރާތް ހޯދުމަށްޓަކައި ކޮމިޝަނުގެ ފަރާތުން ތަހުގީގު ކުރިއަށް ގެންދިޔައީ މިވަގުތަށް ކޮމިޝަނަށް ލިބެންހުރި ހެއްކާއި ގަރީނާތަކުގެ އަލީގައި ހަގީގަތަކީ ކޮބައިކަން ދެނެގަތުމަށް ކަމަށެވެ.

ޑރ. އަފްރާޝީމް ދިރިއުޅުއްވި ގޭ ކައިރީ ޕޮލިސް ފޮރެންސިކް ޓީމް (2012) އަހަރު — ފޮޓޯ: އޭޕީ

ކޮމިޝަނުން އެކުލަވާލި 121 ސޮފްހާގެ ރިޕޯޓްގައި ބުނެފައިވަނީ، ކޮމިޝަނުން ކުރި ތަހުގީގުންނާއި ބެލިބެލުމުން ހެކިބަސްތަކުން ދޭހަވަނީ ޑރ. އަފްރާޝީމްގެ މަރާއި އަޒްލިފް ރައޫފް ކިޔާ މީހަކާއި ގުޅުން އޮތްކަމާއި އަޒްލިފް ރައޫފްއަކީ ދީނީ ހަރުކަށި ފިކުރުގެ ވިސްނުން ހުންނަ މީހެއް ކަމެވެ. އަދި ޑރ. އަފްރާޝީމް ދައްކަވާފައިވާ ވާހަކަތަކުގެ ސަބަބުން އޭނާ އަވަހާރަކޮށްލަން ޖެހޭކަމަށް އަޒްލިފް ރައޫފް ގަބޫލުކުރާ ކަންވެސް ރިޕޯޓުގައިވެއެވެ. މިމައްސަލައިގައި ތަހުގީގަށްފަހު ފުލުހުން ކުރިން އާއްމުކޮށްފައިވާ މައުލޫމާތުގައިވެސް އެމައްސަލައިގައި އަޒުލިފްގެ މައްޗަށް ވަނީ ތުހުމަކޮށްފައެވެ.

ރިޕޯޓުގައި ބުނެފައިވަނީ، ކޮމިޝަނަށް ލިބިފައިވާ ހެއްކާ ގަރީނާތަކުގެ އަލީގައި އެ ކޮމިޝަނަށް ބުރަވެވެނީ ޑރ. އަފްރާޝީމް އަލީ ޤަތުލުކުރުމަށް ރާވައި އެކަމަށް ޚަރަދުކޮށް މިކަން ތަންފީޒުކޮށްފައިވަނީ މާލޭ ފުރުގާން މިސްކިތާއި ނޫރު މިސްކިތުގައި ހަރަކާތްތެރިވާ ހަރުކަށި ޖިހާދީ ފިކުރުގެ ޖަމާއަތަކުން ކަމަށެވެ. އެކޮމިޝަނަށް މައުލޫމާތުދިން 4 ސިއްރު ހެކިންގެ ހެކިބަހުންނާއި، ފުލުހުން އެކިއެކި މައްސަލަތަކުގައި އެއްކޮށްފައިވާ އިންޓެލިޖެންސް މައުލޫމާތުތަކުން އެނގޭގޮތުގައި، އެކަމުގެ އަޑީގައި ތިބީ، އަދި އެ ޖަމާއަތް ހިންގަނީ މުހައްމަދު މަޒީދު އަދި ސާމިތު މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށްވެސް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވަނީ، ކޮމިޝަނަށް ލިބިފައިވާ ހެއްކާ ގަރީނާތަކުގެ އަލީގައި ކޮމިޝަނަށް ގަބޫލުކުރެވެނީ، ހަރުކަށި ޖިހާދީ ފިކުރުގެ މިޖަމާއަތުން ޑރ. އަފްރާޝީމް މަރާލަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ސަބަބަކީ ޑރ. އަފްރާޝީމް ދައްކަވާފައިވާ ވާހަކަތަކަކީ ކުފުރުގެ ވާހަކަތަކެއް ކަމަށް އެޖަމާއަތަށް ފެންނާތީ އާއި ކީރިތި ރަސޫލާގެ ސުންނަތަށް ފުރައްސާރަކޮށް ހަރާމް ކަންތައްތައް ހަލާލުކޮށް ޑރ. އަފްރާޝީމް ދީނަށް ފުރައްސާރަ ކޮށްފައިވާ ކަމަށް އެ ޖަމާއަތުން ގަބޫލުކުރާތީ ކަމަށެވެ.

މީގެއިތުރަށް ޑރ. އަފްރާޝީމް އަވާހަކޮށްލުމުގެ ތުހުމަތު ސިޔާސީ މީހުންނަށާއި، އެމްޑީޕީއަށް ކުރި ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް ނުފެނުނު ކަމަށްވެސް ކޮމިޝަންގެ ރިޕޯޓުގައިވެއެވެ. އަދި އެމައްސަލައިގެ ތުހުމަތު ކުރީގެ ރައީސް އަބުދުﷲ ޔާމީނަށް ބައެއް ފަރާތްތަކުން ކުރި ނަމަވެސް، އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް ގަރީނާއެއްވެސް ހޯދިފައި ނުވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މަޖިލީހުގައި ކުރިޔަށް ގެންދިޔަ ޑރ. އަފްރާޝީމްގެ ތައުބީރުގެ ދަފްތަރުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ލިޔުއްވަނީ — ފޮޓޯ: ރައީސް އޮފީސް

ރިޔާސީ ކޮމިޝަނުން ބުނީ އެކޮމިޝަނަށް ލިބިފައިވާ ހެއްކާއި ގަރިނާތަކަށް ބަލާއިރު، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ އަމަލީ މަސައްކަތުގައި ހ. ހިލްޓަން އަޒްލިފް ރައޫފްއާއި ހ. ލޮބީ ހުސައިން ހުމާމް އަހްމަދު އާއި، ހ. ހިކޯސްޓް އަލީ ޝާންއާއި ކުޑަކުއްޖާގެ އިތުރުން، އިތުރު އެހެން ބަޔަކު އެމަސައްކަތުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެމީހުން ޑރ. އަފްރާޝީމްގެ މަރުގެ ހާދިސާއަށްފަހު ރާއްޖެއިން ބޭރަށް ހަނގުރާމައަށް ގޮސްފައިވާތީވެ، އެމައްސަލާގެ އެބައި ތަހުގީގުކުރުމަށް ހުރަސްއެޅިފައިވާ ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓް ނިންމާލަމުން ބުނެފައިވެއެވެ.

ރިޔާސީ ކޮމިޝަންގެ ރިޕޯޓާ ގުޅިގެން ޑރ. އަފްރާޝީމްގެ އާއިލާއިން ބުނެފައިވަނީ، ތަހުގީގީ އެކި އިދާރާތަކުން އެކިފަހަރު އެގޮތަށް މައުލޫމާތު ހާމަކުރަމުންގެންދާ ކަމަށާއި، އެހެންކަމުން، އެއީ ތަހުގީގުގެ ނަމުގައި ކުޅޭ ޑްރާމާތަކެއް ކަމަށެވެ.

ޑރ. އަފްރާޝީމުގެ މަރަކީ ސިޔާސީ ކަމެއްކަމަށް އަދިވެސް ގަބޫލުކުރެވޭ ކަމަށާއި، އެހެންނަމަވެސް، އެކަމުގެ ފަހަތުގައިތިބި މީހުން ހޯދިދާނެކަމަށް އުންމީދު ނުކުރާ ކަމަށާއި، އެ މަރަށް މިދުނިޔެމަތީގައި ކުރެވިދާނެ ކަމެއް އޮތްކަމަށް މިހާރު ގަބޫލުނުކުރެވޭ ކަމަށްވެސް ހާމަކޮށްފައި ވެއެވެ.

މި މައްސަލައިގެ ތަހުގީގު ހިންގަމުންދާތާ 11 އަހަރު ފުރިއްޖެއެވެ. ނުލިބެނީ އިންސާފެވެ.