ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެކުލަވާލާ އިންތިގާލީ ކޮމެޓީއަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ޕްރޮގްރެސިވް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހަމަޖައްސަވައިފިއެވެ.
ރިޔާސީ އިންތިޚާބު އިދިކޮޅު ކެންޑިޑޭޓު ޑރ. މުއިއްޒު ކާމިޔާބު ކުރައްވާފައި ވާއިރު، އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެ މަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ހުވާ ކުރެއްވުމުގެ ތައްޔާރީތައް ކަމާ ބެހޭ ފަރާތްތަކުން މިހާރު ވަނީ ފަށާފައެވެ.
ޕްރޮގްރެސިވް ކޯލިޝަނުގެ ކެމްޕޭނު ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވީ ޑރ. މުއިއްޒުގެ ފަރާތުން އިންތިގާލީ ކޮމެޓީގެ ވެރިއަކަށް އަބްދުއްރަހީމްގެ ނަން ހަމަޖެއްސުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާގެ އެންމެހާ މަސައްކަތްތައް އޮމާން ކަމާއެކު ކުރިއަށް ގެންދެވުމަށް ޚާއްސަ ޓީމެއް ނެންގެވުމަށް ނިންމަވާފައިވާ ކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ވަނީ އިއުލާން ކުރައްވާފައެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ކާމިޔާބު ކުރެއްވީ 54 އިންސައްތަ ވޯޓާއެކުއެވެ. ރައީސް ޞާލިހަށް ލިބިވަޑައިގަތީ 46 އިންސައްތަ އެވެ.