ޅ. ނައިފަރުން ގެއްލިގެން ހޯދަމުން ދިޔަ ކުޑަ އަންހެން ކުއްޖާ ފަސް ދުވަހުން، މިއަދު އެ ރަށުން ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުން އައީ އެ ރަށު ސީނިޔާގެ، 13 އަހަރުގެ ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް ނަމަކަށް ކިޔާ ކުއްޖެކެވެ. މައިސަރާ ގެއްލިގެން އާއިލާއިން ރިޕޯޓުކުރުމުން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފެށީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރުއެވެ.
ފުލުހުން ބުނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިހާރު ފެނިފައިވާ ކަމަށާއި، އޭނާގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
އެކަމާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
އެ ކުއްޖާ ގެއްލުމުގެ ކުރިން އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ މުށިކުލައިގެ ޓޮޕަކާއި މަޑުނޫކުލައިގެ ޖީންސެއް ކަމާއި، އަރައިގެން ހުރީ ކަޅުކުލައިގެ ފައިވާނަކަށް ކަމަށް އާއިލާޔާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.