ފަރަންސޭސި އޮލިމްޕިކް އެތުލީޓުން ހިޖާބު އެޅުން ފަރަންސޭސިވިލާތުން މަނާކުރުމުން، އިސްލާމީ ގައުމުތަކުގެ ކުޅިވަރާބެހޭ ފެޑެރޭޝަނުން އެކަމާ ހިތްމަނުޖެހުން ފާޅުކޮށްފިއެވެ.
އިސްލާމީ 57 މެމްބަރު ގައުމު ހިމެނޭ، އިސްލާމިކް ސޮލިޑާރިޓީ ސްޕޯޓްސް ފެޑެރޭޝަން - އައިއެސްއެސްއެފްއިން މިއަދު ބުނެފައިވަނީ، ފަރަންސޭސި ސަރުކާރުގެ ނިންމުމުން ދެވޭ މެސެޖަކީ، މުސްލިމުން ބާކީކޮށްލުމުގެ މެސެޖެއް ކަމަށެވެ.
އަދި އެކަމާ ކަންބޮޑުވާކަންވެސް ހާމަކޮށްފައި ވެއެވެ.
ފަރަންސޭސި ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރ އެމިލީ އޮދިއަ-ކަސްތެރާ މިދިޔަމަހު ވިދާޅުވެފައިވަނީ، ކުޅިވަރު އިވެންޓްތަކުގެ ތެރޭގައި ދީނީ ރަމްޒުތައް ދައްކުވައިދިނުމަކީ ފަރަންސޭސި ސަރުކާރުން ދެކޮޅުހަދާ ކަމެއް ކަމަށެވެ.
އެހެންވެ، ދީނަކާ ގުޅޭ އެއްވެސް ރަމްޒެއް ނިޝާނެއް ކުޅިވަރު ޓީމެއްގެ މެމްބަރެއްގެ ކިބައިން ފެނިގެން ނުވާނެ ކަމަށާއި، އެގޮތުން ފްރާންސްގެ އޮލިމްޕިކް ޓީމުގެ އެއްވެސް މެމްބަރަކު ބުރުގާ ނާޅާނެ ކަމަށެވެ.
އިސްލާމިކް ސޮލިޑާރިޓީ ސްޕޯޓްސް ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބުރުގާ ނުވަތަ ހިޖާބަކީ ގިނަ މުސްލިމް އަންހެނުންގެ އައިޑެންޓިޓީގެ ސިފައެއް ކަމަށާއި، އެކަމަށް އިހްތިރާމް ކުރަންޖެހޭނޭ ކަމަށެވެ.
ފަރަންސޭސި ސަރުކާރުގެ ނިންމުމުގެ ސަބަބުން، މުސްލިމް އެތުލީޓުންނަށް ފަރަންސޭސި ޓީމުގައި ވާދަ ނުކުރެވޭނެ ކަމަށްވެސް އައިއެސްއެސްއެފްގެ ބަޔާނުގައި ބުނެފައި ވެއެވެ.
އޮލިމްޕިކްސް ކުޅިވަރަކީ ޒަމާނުއްސުރެ އެއްވެސް ތަފާތު ކުރުމެއްނެތި އެންމެން އެއްބައިވަންތަކަމުގައި ކުރިއަށް ގެންދެވޭ ހަރަކާތެއް ކަމަށާއި، ފަރަންސޭސި ނިންމުމަކީ އޮލިމްޕިކްގެ ރޫހާ ޚިލާފް ނިންމުމެއް ކަމަށްވެސް ބުނެފައި ވެއެވެ.
އެހެންވެ، ފަރަންސޭސި އޮލިމްޕިކް އެތުލީޓުންނަށް ކުޅިވަރުގެ ތެރޭގައި ހިޖާބު ނޭޅޭނޭ ކަމަށް ނިންމާފައިވާ ނިންމުމާމެދު ފަރަންސޭސި ކަމާބެހޭ އިދާރާތަކުން އަލުން ވިސްނުމަށް އިސްލާމިކް ސޮލިޑާރިޓީ ސްޕޯޓްސް ފެޑެރޭޝަނުން ގޮވާލާފައި ވެއެވެ.
އަދި ފަރަންސޭސިވިލާތުގެ މުސްލިމް ކުޅިވަރު މުޖުތަމައާއެކު މާނަކުރި ގުޅުމެއް ބޭއްވުމަށްވެސް، ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައި ވެއެވެ.
ފަރަންސޭސި މުސްލިމް އޮލިމްޕިކް އެތުލީޓުން ހިޖާބު އެޅުން މަނާކުރި މައްސަލާގައި އދގެ އިންސާނީ ހައްގުތަކާބެހޭ އޮފީހުން ސީދާގޮތެއްގައި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އެހެން ނަމަވެސް، އެ އޮފީހުގެ ތަރުޖަމާނެއް މިދިޔަ ހަފްތާގައި ބުނެފައިވަނީ "އަންހެނަކު ވަކި ގޮތަކަށް ހެދުން އަޅަން އަދި ވަކި ގޮތަކަށް ހެދުން ނާޅަން އެއްވެސް ފަރާތަކުން މަޖުބޫރުކޮށްގެން ނުވާނެ" ކަމަށެވެ.
މުސްލިމް އެތުލީޓުން ހިޖާބު އެޅުން މަނާކުރި މައްސަލައާ މެދު ހިތްހަމަނުޖެހިން ފާޅުކޮށް މިއަދު ބަޔާން ނެރުނު އިސްލާމިކް ސޮލިޑާރިޓީ ސްޕޯޓްސް ފެޑެރޭޝަނަކީ 1985 ވަނަ އަހަރު އުފައްދާފައިވާ ފެޑެރޭޝަނެކެވެ. އެ ފެޑެރޭޝަންގެ މައި މަރުކަޒު ހުންނަނީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައެވެ.
މި ފެޑެރޭޝަންގެ ބޭނުންމަކީ، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގައި ހިމެނޭ މެމްބަރު ގައުމުތަކަށް އަމާޒުކޮށް ހުރިހާ ބާވަތެއްގެ ކުޅިވަރު ހަރަކާތްތައް ރާވައި ހިންގުމެވެ.
އިސްލާމިކް ސޮލިޑާރިޓީ ސްޕޯޓްސް ފެޑެރޭޝަނުން އިންތިޒާމުކޮށްގެން މިހާތަނަށް އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ 5 އެޑިޝަނެއް ބާއްވާފައި ވާއިރު، އެންމެފަހު އެޑިޝަން ބާއްވާފައިވަނީ ތުރުކީގައެވެ.