ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލާނެ ކަމުގެ ކަށަވަރުކަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމަށް ފަހު ފުރަތަމަ ފަހަރަށް ރައްޔިތުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ފަށްޓަވަމުން އެމަނިކުފާނު ވަނީ ގައުމު މި އޮތް ނާޒުކު ދަނޑިވަޅުގައި އަންނަން އޮތް ޖީލުތަކުގެ ހައްގުގައި، ދިވެހީންގެ މުސްތަގުބަލް އުޖާލާ ކުރުމަށާއި، މިނިވަންކަން ޔަގީން ކުރުމަށްޓަކައި އެމަނިކުފާނަށް ތާއީދުކޮށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.
ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނަށް ރައްޔިތުން ވޯޓު ދެއްވީ ރާއްޖޭގެ މިނިވަންކަން ކަށަވަރުކޮށްދޭނެ ކަމުގެ އުއްމީދުގައި ކަމަށާއި، ވެރިކަމުގެ ފުރަތަމަ ދުވަހު، އެންމެ ފުރަތަމަ ވެސް ފައްޓަވާނީ އެ މަސައްކަތްޕުޅު ކަމަށެވެ.
އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތަށް އަލިއަޅުވާލައްވައި ޑރ. މުއިއްޒު ވިދާޅުވީ، އެއީ ދިވެހި ގައުމުގެ މަސްލަހަތު ހިމާޔަތް ކުރެވޭ ސިޔާސަތު ކަމަށެވެ. ހުރިހާ ގައުމަކަށް އެކުވެސް ޑިޕްލޮމެޓިކް އުސޫލުގެ ތެރެއިން ގުޅުން ބޭއްވި ނަމަވެސް އަމިއްލަވަންތަކަމާއި މިނިވަންކަން އަބަދުވެސް ނަގަހައްޓަވާނެ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން ޑރ. މުއިއްޒު ވިދާޅުވީ ދިވެހީންގެ އިގްތިސާދުވެސް އޮތީ އަޅުވެތި ވެފައި ކަމަށާއި، ދަރަނީގެ ދެބައި ކުޅަ އެއްބައި އޮތީ ވަކި ގައުމަކަށް ދަރާ ހުސްވެފައި ކަމަށެވެ. ބޭރު ގައުމުތަކުގެ ސަފީރުން އެމަނިކުފާނާ ބައްދަލު ކުރެއްވުމަށް ހުށަހަޅުއްވާއިރު، އެ ބައްދަލުވުންތަކުގައި އެ ކަންކަމާ މެދު މަޝްވަރާކޮށް ޑިޕްލޮމެސީގެ ހަމތަކުގެ ތެރެއިން ހުރިހާ ކަމެއް ވެސް ހާސިލްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ޚިދުމަތް ކުރައްވާނީ އެއްވެސް ރައްޔިތަކަށް ތަފާތު ކުރުމެއް ނެތި ހަމަހަމަ ކަމާއެކު ކަމަށެވެ. އަދި އެމަނިކުފާނު ވަނީ އިންސާފުވެރި ކަމާއި ހަމަހަމަކަމާއެކު ޚިދުމަތް ކޮށްދެއްވައި، އަދުލުވެރި ވެރިކަމެއް ކޮށްދެއްވުމަށް ވެސް ވައުދުވެ ވަޑައިގެންފައެވެ.
ދިވެހި ގައުމަށް ހަމަޖެހުން އަންނަން ޖެހޭކަން ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ ގައުމުގެ މަސްލަހަތަކީ ސިޔާސީ ޕާޓީތަކުގެ މަސްލަހަތަށް ވުރެ އިސްކަން ދޭން ޖެހޭ ކަމެއް ކަމަށެވެ. އަދި އަޅުގަނޑުމެންގެ ތެރެއިން ބަދަލު ހިފުމުގެ ރޫހު އަބަދަށް ފުހެލަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އެމަނިކުފާނު ކާމިޔާބު ކުރެއްވީ 129،159 ވޯޓާއެކު އެވެ. އަންނަ މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ޑރ. މުއިއްޒު ހަވާލުވެވަޑަުގަތުމުގެ ތައްޔާރީތައް ކަމާ ބެހޭ ފަރާތްތަކުން މިހާރު ވަނީ ފަށާފައެވެ.