އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިނިވަންވާނެކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބު 2023ގައި ލިބިވަޑައިގެންނެވި ކާމިޔާބީއާއެކު، ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށްދެއްވުމަށް ޑރ. މުއިއްޒު ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ އަރިހުން ވަނީ އެދިވަޑައިގެންފައެވެ.

އެއާއެކު، 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ޔާމީން ވަގުތީގޮތުން އިއްޔެ ވަނީ ގެކޮޅަށް ބަދަލުކޮށްފައެވެ.

ޑރ މުއިއްޒުގެ ކާމިޔާބީ ފާހަގަކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އަންނަ މަހުގެ 17 ވަނަ ދުވަހު އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވާއިރު، މިހާރު އޮތް ޕްރޮސެސްއިން ރައީސް ޔާމީން މިނިވަން ނުވާކަމަށް ވާނަމަ، އެކަން ނުވާނީ ސަރުކާރުން އެކަމަށް ނުފޫޒު ފޯޯޯރުވާތީކަމަށެވެ.

ޑރ މުއިއްޒު ވިދާޅުވީ، އެދުވަސް ވާނީ އެނުފޫޒު ނިމުމަށް އަންނަ ދުވަހަށްކަމަށާއި، އެހިސާބުން ރައީސް ޔާމީން މިނިވަންވާނެކަމަށެވެ.

"17 ވަނަ ދުވަހާއި ހަމަޔަށްދާއިރު، މިހާރު އޮތް ޕްރޮސެސްއިން އެމަނިކުފާނު މިނިވަން ނުވާކަމަށް ވާނަމަ، އެކަން ނުވާނީ ސަރުކާރުން އެކަމަށް ނުފޫޒު ފޯޯޯރުވާތީ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޯޓުތަކަށް ނުފޫޒް ފޯރުވާތީ. އެދުވަސް ވާނީ އެނުފޫޒު ނިމުމަށް އަންނަ ދުވަހަށް. އެހިސާބުން އެމަނިކުފާނު މިނިވަންވާނެ."
އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު

ވ. އާރަށް ކުއްޔަށްދިނުމުގެ މުޢާމަލާތާ ގުޅިގެން ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިނގްގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނިކޮށް އެ ޙުކުމް ތަންފީޛްކުރުން ފަސްކުރުމުގެ އަމުރަށް އެދި 7 އޮގަސްޓް 2023 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ވަނީ ހުށަހަޅާފައެވެ.

މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މިދޔަ ސެޕްޓެމްބަރުމަހުގެ 6 ވަނަ ދުވަހުއެވެ.