ފާއިތުވީ 24 ގަޑިއިރެކޭ އެއްގޮތަށް ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބައެއް ސަަރަހައްދުތަކަށް ވިއްސާރަކޮށް، ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ހާދިސާތައް ހިނގިއެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ.
ވައިގެ މިސްރާބު ހުންނާނީ ހުޅަނގާއި ހުޅަނގުއުތުރުން ކަމަށާއި ވައިޖެހޭނެކަމަށް ލަފާކުރަނީ ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ. ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކު 35 މޭލަށް އެރުން އެކަށީގެންވެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓުން ލަފާކުރެއެވެ.
ރާޅުގެ އުސްމިން ހުރީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ބައެއް ރަށްރަށުގައި ފެން ބޮޑުވެ، ބައެއް ގެތަކަށް ފެންވަދެ ތަކެއްޗަށް ވެސް ވަނީ ގެއްލުންވެފައެވެ. ވެރިރަށް މާލޭގެ މަގުތަކުގައިވެސް ރޭގައިވަނީ ފެންބޮޑުވެފައެވެ.
ކަމާ ގުޅުންހުރި މުއައްސަސާތަކުންވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ރާއްޖެއަށް މިހާރުކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ރާއްޖެއަށް ހުޅަނގުމޫސުން ލައިގަތީ މެއިމަހުގެ ކުރީކޮޅެވެ.