ރާއްޖޭގައި ވެރިކަންކުރާ ނިޒާމު ކަނޑައަޅަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ އެއްގޮތަށް، އެވޯޓު ނެގުމަށް ކުރަން ހުރި މަސައްކަތްތަކަށް ރިއާޔަތްކޮށް، ނިޒާމީ ވޯޓުނެގުމަށް އިތުރު ވަގުތު ދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދިއްޖެއެވެ.
އީސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނީ، ނިޒާމީ ވޯޓާ ގުޅޭ މަަސައްކަތްތަކަށް ހޭދަވާނެ ވަގުތު ވަޒަންކޮށް، އެ ވޯޓު ނެގޭނެ ކަމަށް ކޮމިޝަނުން ދެކޭ ތާރީހެއް ފަހުން އަންގާނެ ކަމަށެވެ. އަދި ނިޒާމީ ވޯޓާ ގުޅިގެން ކުރަންޖެހޭ އިތުރު ކަންތައްތައް ވެސް މި ސިޓީގައި ބަޔާންކޮށްފައިވެއެވެ.
އެގޮތުން، ފުރަތަމަ ކަމަކީ ވޯޓު ކަރުދާހުގައި ހިމަނަން މަޖިލީހުން ފާސްކުރާ އިބާރާތެވެ.
އެ އިބާރާތް ފާސްކޮށްފައި ފޮނުވަން އެދުނީ ކޮމިޝަނުން ބުނި ގޮތުގައި މަޖިލީހުން މިހާރު ފާސްކޮށްފައިވާ ގަަރާރު އޮތް ގޮތުން ގިނަ ގޮތްތަކަކަށް ސުވާލުކުރެވޭ ގޮތަށް އެކަން ހުޅުވާލައިފައި އޮތުމެވެ. އެހެން ނަމަވެސް އެފަދަ ވޯޓެއް ނަގާއިރު ރައްޔިތުންނަށް ދޫކޮށްލާ އިހުތިޔާރީ ޖަވާބުތައް ކަނޑައަަޅާފައި އޮތުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކޭކަމަށް އީސީން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި އީސީން އެދުނީ، މަޖިލީހުން ފާސްކޮށްފައިވާ ގަރާރުގައި ގޮވާލާފައިވާ ކަންތަކާ އެއްކޮޅަށް ހުރި ހުއްޖަތްތަކާއި ދެކޮޅަށް ހުރި ހުއްޖަތްތަކުގެ މައުލޫމާތު ކަރުދާހެއް ކޮމިޝަނަށް ދިނުމެވެ.
ތިން ވަނަ ކަމަކަށް އޮތީ ނިޒާމީ ވޯޓް ނެގުމުގެ ކަންކަމަށް ބޭނުންވާ ބަޖެޓް، ވީ އެންމެ އަވަހަކަށް ފާސްކޮށްދިނުމެވެ.
ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު މުޅި މަޖިލީހުގެ ކޮމިޓީން ރުހުންދީ ފާސްކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ޖަލްސާގައި 35 މެމްބަރުންގެ ވޯޓުންނެވެ. މި ގަރާރުގައި ބުނެފައިވަނީ 30 އޮކްޓޫބަރު 2023 ގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ދިއުމަށެވެ.
ނިޒާމީ ވޯޓާ ގުޅިގެން މީގެ ކުރިން ކޮމިޝަނުގެ ނައިބުރައީސް އިސްމާއިލް ހަބީބު ވިދާޅުވެފައިވަނީ ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެނަމަ، އެފަދަ ވޯޓެއް ނެގުމަށްޓަކައި، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ހަމަތަކަށް ރިޢާޔަތްކުރާއިރު، މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އެ އިންތިޚާބު ބޭއްވުމަށްޓަކައި ބޭނުންވާނެ ކަމަށެވެ. އަދި ގާތްގަނޑަކަށް 40 މިލިޔަން ރުފިޔާ އެފަދަ އިންތިޚާބަކަށް ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ނިޒާމީ ވޯޓެއް ނަގާފައި ވަނީ 2007ވަނަ އަހަރުއެވެ. އެ އަހަރު ނެގި ސިއްރު ވޯޓުގައި ރިޔާސީ ނިޒާމަށް 95،619 މީހުން ވޯޓު ދީފައިވާއިރު، ބަރުލަމާނީ ނިޒާމަކަށް ވޯޓު ދިނީ 58،504 މީހުންނެވެ.
ދަ ޑިމޮކްރެޓްސްގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ބަރުލަމާނީ ތަސައްވުރާ އެއްގޮތަށް އެ ޕާޓީން މި ގަރާރު މަޖިލީހަށް ހުށަހަޅާ ފާސްކޮށްފައިވާއިރު، ގިނަ ބަޔަކު އަންނަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ދަ ޑިމޮކްރެޓްސްއިން ބޭނުންވާ ގޮތަށް ފޮރުޅިއްޖެ ނަމަ، ރިޔާސީ ނިޒާމެއްގެ ތެރެއިން މިފަހުން ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޑރ. މުޙައްމަދު މުއިއްޒަށް ފަސް އަހަރުގެ ވެރިކަމުގެ ދައުރު ގެއްލޭނެއެވެ. އެމަނިކުފާނު ހުވާކުރައްވާ ގޮތަށް އޮތީވެސް ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާ މިހާރު ކުރިއަށް އެބަ ދެއެވެ.