ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އަދި މިހާރު ރާއްޖޭގެ އިންތިޚާބީ ނައިބުރައީސް ހުސެއިން މުހައްމަދު ލަތީފް، ޕީޕަލްސް ނެޝަނަލް ކޮންގްރެސްއާ ގުޅިވަޑައިގެންނެވިކަން ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއުލާނުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހުސެއިން މުހައްމަދު ލަތީފު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ވަކިވެވަޑައިގެން، ޕީއެންސީއަށް ސޮއި ކުރެއްވީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކުރިން ކަމަށެވެ.

ޕާޓީ ބަދަލުކުރައްވަމުން އެކަމާ ގުޅުންހުރި ލިޔެކިޔުންތައް މަޖިލީހަށް ހުށަހެޅުއްވި ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ވެސް އެކަމާ ގުޅުންހުރި ލިޔެކިޔުންތައް މަޖިލީހަށް ހުށަހަޅާފައިވާކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވެއެވެ.

މިއާއެކު ރައްޔިތުންގެ މަޖިލީހުގައި ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް އައި ބަދަލުތައް ރައީސް ނަޝީދު ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން އެންމެ ގިނަ މެމްބަރުން މަޖިލީހުގައި ތަމްސީލުކުރައްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ 56 މެމްބަރުންނެވެ. މައިނޯރިޓީ ޕާޓީ، ދަ ޑިމޮކްރެޓްސްގެ 13 މެމްބަރުން މަޖިލީހުގައި ތިއްބަވާއިރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ ކޮންމެ ޕާޓީއެއްގައި ހަތަރު މެމްބަރުންނެވެ. މޯލްޑިވްސް ނެޝަނަލް ޕާޓީގެ ތިން މެމްބަރުން އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ދެ މެމްބަރުން ތިއްބަވާއިރު، ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ ދެ މެމްބަރެކެވެ. ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ ތިން މެމްބަރަކު މަޖިލީހުގައި ތިއްބަވައެވެ.

ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބަވާނީ، އިންތިޚާބީ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފްގެ އިތުރުން، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަޒުލް ރަޝީދު، މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.

އިންތިޚާބީ ނައިބުރައީސް ޕީއެންސީއާ ގުޅިވަޑައިގެންކަން ރަސްމީކޮށް މަޖިލީހުން އިއުލާނުކުރެއްވިއިރު، އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ޕީއެންސީއާ ގުޅިވަޑައިގަތީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށެވެ. ޕީޕީއެމްގެ ނައިބުރައީސް އެއްގެ ގޮތުގައި ހުންނެވުމަށްފަހު އެ ޕާާޓީން ވަކިވެވަޑައިގެން ޑރ. މުއިއްޒު ޕީއެންސީއާ ގުޅިވަޑައިގަތީ އެ ޕާޓީގެ ޕްރައިމަރީ އޮތްދުވަހުއެވެ.