ރާއްޖޭގެ ވެރިކަން ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ފުރޮޅާލުމަށް ކުރާ މަސައްކަތުގެ ތެރެއިން، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ޤާނޫނާއަސާސީއާ ޚިލާފުކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.
ގާނޫނު އަސާސީގެ 262 ގައި ވާގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ގާނޫނަށް ގެންނަ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީގު ކުރެއްވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފާސްކޮށްގެންނެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާދީއްތަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގައި އޮތީ، ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ އާންމު ބާރުތަކުގެ ތެރެއިން ހިޔާލު ހޯދުމުގެ ވޯޓެއް ނަގާފައިވާ ކަމަކާ ގުޅިގެން ގެންނަ ބަދަލާމެދު އާންމުންގެ ހިޔާލު އިތުރަށް ހޯދަންނުޖެހޭ ގޮތަށް ފާސްކުރުމަށް ހުށަހަޅާފައެވެ.
މިކަމާ ގުޅިގެން، ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ރާއްޖޭގެ ގުނަވަނުން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ހަަތަރު ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން، ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނާނީ ރައްޔިތުންގެ ކިބައިން ކަމަށެވެ. ހަމަ އެހެންމެ އެ ބާރުތައް ދެމި އޮންނަންވާނީ ރައްޔިތުންގެ އަތުގައި ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނީ، އެހެންކަމުން ޤާނޫނުއަސާސީއަށް މިހާރު ހުށަހަޅާފައިވާ ބިލުގެ ސަބަބުން ޤާނޫނުއަސާސީއަށް ގެންނަ ބައެއް އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމުގެ ކުރިން، ރައްޔިތުންނަށް އެކަމާ މެދު ރުހުން ދިނުމަށް އޮންނަ ބާރު ގެއްލިގެންދާނެ ކަމަށެވެ.
ޤާނޫނުއަސާސީއިން ރައްޔިތުންނަށް ދީފައިވާ ބާރުގެ ބޭނުމަކީ އެއިރަކު އިންތިޙާބުވެފައި ތިބޭ ބަޔަކަށް [ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް] ފެންނަ ގޮތަކަށް ރައްޔިތުންނާ ގުޅުން ހުރި ރައްޔިތުންނަށް މުހިންމު މާއްދާތަކަށް ރައްޔިތުންގެ ރުހުމާނުލައި ބަދަލުކުރުމުގެ ފުރުސަތު ނުދިނުމެވެ.
ރައްޔިތުންނަށް ދީފައިވާ ބާރު ހަނިވާގޮތަށް ޤާނޫއަސާސީގެ 262 ވަނަ މާއްދާއަށް ގެންނަ އެއްވެސް ބަދަލަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ވެއެވެ.
އެހެންކަމުން ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "އަސާސީ ހައްގުތަކާއި މިނިވަންކަން" ހިމެނޭ ބާބާއެކު ހިމެނޭ އިތުރު މާއްދާތައް ހިމެނޭ ގޮތަށް، ރައްޔިތުންގެ ރުހުމާއި ނުލައި އިންތިޚާބުކޮށްފައި ތިބޭ މީހުންނަށް ބަދަލު ގެނައުމުގެ ބާރު ލިބިދޭގޮތަށް އޮތް ބިލު ބަލައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ޓްރާންސްޕޭރެންސީއިން ވަނީ ގޮވާލާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ހަތްވަނަ ޖަލްސާގައިވަނީ އެ އިސްލާހީ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައެވެ.