ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އާ ގުޅިވަޑައިގަންނަވަން ބޭނުންފުޅުވިޔަސް، އެޕާޓީގެ ބޭފުޅުންނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިތުބާރުނުކުރައްވާކަން ހާމަކުރައްވައިފިއެވެ.

ރައީސް ނަޝީދު މިކަން ހާމަކުރެއްވީ މިއަހަރުގެ ތިންވަނަ ދައުރުގެ ހަތްވަނަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޖަލްސާގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ވޯޓެއް ނެގުމަށް މެންބަރުން ކުރައްވަމުން ގެންދަވާ ބަހުސްގެ ތެރެއިން ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ ބަހުގެ އިތުބާރު ހިފޭ ޕާޓީއެއް ނޫންކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްއިން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރީ އެއީ އެމްޑީޕީން އެގޮތަށް އެދިގެން ކަމަށެވެ. ޑިމޮކްރެޓުން އެ މަގަށް ކަންކުރާނެކަމުގެ ޔަގީންކަން ހޯދުމަށް ޑިމޮކްރެޓުންގެ އަތުން އެމްޑީޕީން ސިޓީއެއް ހޯދި ކަމަށާއި ނަމަވެސް އެ ސިޓީއަށް އެމްޑީޕީން މިއަދާ ހަމައަށްވެސް ޖަވާބެއް ނުދޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޑިމޮކްރެޓުން އެފަދަ ސިޓީއެއް ދިނީ ރައްޔިތުންގެ ހިޔާލު ހުރި ގޮތް ހޯދުމުގެ ވޯޓުގައި އެމްޑީޕީގެ ތާއީދު ލިބޭނެކަމަށް ބަލައިގެން ކަމުގައިވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ނުދަންނަވަން އެމްޑީޕީ އަކީ ބަހުގެ އިތުބާރު މިވަގުތު ހިފޭ ބާވަތުގެ ޕާޓީއެއް ކަމަކަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިމޭރުމުން ވާހަކަފުޅުދެއްކެވިއިރު އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ތައްޔާރަށް ހުންނެވިކަމަށް މިފަހުން އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. ރައީސް ޞާލިޙަށް އެމަނިކުފާނު ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ގައުމީ މަޖިލީހުގެ ރުހުން އޮތްނަމަ އެމަނިކުފާނު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ.

މިކަމާ ގުޅިގެން ރައީސް ޞާލިޙްގެ ވިސްނުންފުޅަކީ ކޮބައިތޯ މީޑިއާއިން ސުވާލުކުރުމުން ރައީސް ޞާލިޙް ވިދާޅުވީ، އެމްޑީޕީއަކީ ވަކި މީހަކު ހުރެގެން ކުރިއަށްދާނެ ޕާޓީއެއް ނޫންކަމަށެވެ. އަދި ކޮންމެހެން ވަކި މީހަކު އެޕާޓީގައި ހުރުން އެމަނިކުފާނަށް މުހިންމު ނޫންކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ރައީސް ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް އަދި ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ފުރޮޅާލުމަށްވެސް ޤައުމީ މަޖިލީހުގެ 99 އިންސައްތަ ބޭފުޅުން ވިދާޅުވަނީ ނޫނެކޭ ކަމަށެވެ.

ރައީސް ނަޝީދު ވެސް އެހެން މީހުންނެކޭ އެއްގޮތަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ވަނުމަށް އެދޭ ފޯމު ހުށަހެޅުއްވީމާ އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު ޕާޓީން ނިންމާ ގޮތަކަށް އެކަންވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ތަކުރާރުކޮށް އެކަމާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ރައީސް ޞާލިހްވަނީ، ރައީސް ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަތުމާމެދު އިތުރު ވާހަކަފުޅެއްދައްކަވަން އުޒުރުވެރިވެވަޑައިގެންފައެވެ.

ކުރީގެ ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ، އެޕާޓީން މިދިޔަ ޖެނުއަރީ މަހު ބޭއްވި ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވެވަޑައިގެންނެވުމުން އުފެދުނު ދެބަސްވުމުގައެވެ.

"ފިކުރެއްގެ ދިރުން" ނަމުގައި އެެމަނިކުފާނު އޭރު އުފެއްދެވި ފެކްޝަނުން ފަހުން ދަ ޑިމޮކްރެޓިކްސް ނަމުގައި ޕާޓީއެއް އުފެއްދެވިއެވެ.