އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި، ހާއްސަ އިސްކަމެއް ދީގެން، މުސްލިމުން ފާހަގަކުރާ ޢީދުތަކުގައި ހުރިހާ ސިޓީތަކަކާއި ވެރިކަން ކުރާ ރަށްތަކުގައި ކުލަ ބޮކިދިއްލައި ޒީނަތްތެރިކޮށް، ތަކުބީރުގެ އަޑުން ގުގުމާލާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ހޯއްދެވި ބޮޑު ކާމިޔާބީ ފާހަގަކުރަން ސަޕޯޓަރުންނާއެކުގައި މާފަންނު އިޖުތިމާއީ މަރުކަޒުގައި ބޭއްވި ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވީ، އިންތިޚާބުގެ ނަތީޖާއިން އެނގިގެން ދިޔަ އެއް ކަމަކީ ރާއްޖޭގައި އިސްލާމްދީން އޮތުމުގެ މުހިންމުކަން ކަމަށެވެ. ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނަށް ލޯބިކުރާ ދިވެހި ގައުމުގައި އިސްލާމްދީނަށް ނަސްރުދޭ، އިސްލާމީވަންތަކަން ދިރުވައި އާލާކުރާ މުޖުތަމައަކަށް ހަދަން ކޮންމެ މީހަކުވެސް ބޭނުންވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާލޭ ސިޓީގެ މޭޔަރުގެ މަގާމުގައިވެސް ހުންނެވި ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނަށް އެކަން އެންމެ ބޮޑަށް އިހްސާސްވެގެން ދިޔައީ ބޮޑު އީދު ދުވަހު މާލޭގައި، މާލެ ސިޓީ ކައުންސިލުން ބޮކިދިއްލައި ތަކުބީރު އިއްވީމަ ރައްޔިތުންގެ ހިތަށް ލިބުނު އުފަލާއި ފާޅުކުރަމުން ދިޔަ ޝުއޫރުތަކާއި ނަގަމުން ދިޔަ ސެލްފީތަކުގެ ސަބަބުން ކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރު ފެންނާނީ ރާއްޖޭގެ ހުރިހާ ސިޓީއަކާއި ވެރިކަން ކުރާ ރަށްތަކުގައި ފުރަތަމަ ފަހަރަށް އެކަން ކުރާތަން ކަމަށެވެ.
މިކަމާ ގުޅިގެން، ބައެއް މީހުން އުފަލުގެ ޝުއޫރުތައް ފާޅުކުރަމުންދާއިރު އަނެއް ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. ސޯޝަލްމީޑިއާގައި ނުރުހުން ފާޅުކުރި ބައެއް މީހުން ބުނި ގޮތުގައި، ޢީދަކީ ވަކި ބަޔަކަށް އަންނަ މުނާސަބާއަކަށް ނުވާއިރު، ބޮޑެތި އާބާދީތައް ދިރިއުޅޭ ތަންތަނަށް އިސްކަންދީގެން ސަރުކާރަކުން މިފަދަ ކަމެއް ކުރުމަކީ އެންމެ އިންސާފުވެރި ގޮތަށް ނުވާނެ ކަމަށެވެ.
ޑރ. މުއިއްޒުގެ މޭޔަރު ކަމުގައި މިއަހަރުގެ ބޮޑު ޢީދަށް މަރުޙަބާ ކިޔުމުގެ ގޮތުން ގިޑިގެތަކާއި ކުލަބޮކިތަކުން ވެރިރަށް މާލެ ސިޓީވަނީ ދިއްލާލާފައެވެ.
މާލޭ ސިޓީގެ ބެލެނިވެރި ފަރާތް ކަމަށްވާ މާލެ ސިޓީ ކައުންސިލުން 1444 ވަނަ އަހަރުގެ އަޟްޙާ ޢީދާ ދިމާކޮށް ގިޑިގެތަކާއި ކުލަބޮކިތަކުން މާލެ އާއި ވިލިމާލެ ޒީނަތްތެރިކޮށް ދިއްލާލުމުގެ މަސައްކަތްކުރީ ހާއްސަ ޕްލޭނެއްގެ ދަށުންނެވެ.
އަޟްޙާ ޢީދަށް މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމަށް ނިންމައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި ހަރުކޮށް ދިއްލާލިއެވެ.
މިއީ ރާއްޖޭގެ ވެރިރަށުގައި ގިޑިގެތައް ބަހައްޓައި ދިއްލާލި ފުރަތަމަ ފަހަރެވެ. އަޟްޙާ އީދަށް މާލޭ ސިޓީ ކައުންސިލުން މަގުތައް ޒީނަތްތެރިކޮށް ކުލަގަދަކޮށް ޢީދު ފާހަގަ ކުރުން ވެގެންދިޔައީ މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން މިފަދައިން ހިންގި ފުރަތަމަ ހަރަކާތަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ހަތަރުވަނަ ދައުރުގެ ކައުންސިލުން ދަނީ މި ފަސް އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) ތަންފީޒު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މަގުތައް ޒީނަތްތެރި ކުރުންވެގެންދާނީ ސެޕްގައި ހިމެނޭ "ޗާލު މާލެސިޓީ" އަމާޒަށް ވާސިލްވުމަށް އިތުރުވެގެންދާ ބޮޅަކަށެވެ.