މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި މިވަގުތު އިންތިޚާބީ ރައީސްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒުއާއި، އެމަނިކުފާނުގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވަނީ މަޖިލީހަށް ވަޑައިގެން، އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ލިޔުއްވައި، ސޮއިކުރައްވާފައެވެ. އެފޮތުގައި ލިޔުއްވި މެސެޖުގައި، މަޖިލީހަށް ވަޑައިގެންނެވުމަށް ދެއްވި ދައުވަތަށް ރައީސް ނަޝީދަށް ޝުކުރުދަންނަވާފައިވެއެވެ. އަދި ރައްޔިތުންގެ ވެރިކަމެއް ކުރުމުގައި، ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައި، އެކަން ހާސިލްވާނެކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާކަމުގައި ޑރ. މުއިއްޒު ލިޔުއްވާފައިވެއެވެ.
މަޖިލީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ އާއި، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ރަނިންމޭޓެއްގެ ގޮތުގައި ހުންނެވި މުހައްމަދު އަސްލަމްގެ އިތުރުން، މައިނޯރިޓީ ލީޑަރު އަލީ އާޒިމް އަދި ޕްރޮގްރެސިވް ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެގެން ހުންނެވި އިންތިހާބީ ރައީސްގެ ފަރާތުން އެކުލަވާލާ އިންތިގާލީ ކޮމިޓީތަކުގެ ވެރިޔަކަށް ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ބައިވެރިވެވަޑައިގަތެވެ.
ޑރ. މުއިއްޒު މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ ރައީސް ޞާލިޙާ ވާދަކުރައްވައި، 54.33 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. އެއީ 129,159 ވޯޓެވެ. ރައީސް ޞާލިޙަށް ލިބިވަޑައިގެންނެވީ 109،868 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 45.67 އިންސައްތައެވެ.
އިންތިޚާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއްގައެވެ.
އެހެންނަމަވެސް، ޤާނޫނީ ހުރަހެއްނެތްނަމަ ނޮވެމްބަރު 11 ގައި ވެރިކަން ބަދަލުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވެއެވެ.
މަޖިލީހުގެ ރައީސް އިންތިޚާބީ ރައީސާއި އެމަނިކުފާނުގެ ނައިބާ ބައްދަލުކުރެއްވިއިރު، އެމަނިކުފާނު އިސްވެ ހުންނަވައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރެއްވުމުގެ މަސައްކަތް އަންނަނީ ކުރައްވަމުންނެވެ. އެ މަސައްކަތުގައި ޕްރޮގްރެސިވް ކޯލިޝަންގެ ތާއީދު ހޯދުމަށް ރައީސް ނަޝީދަށްޓަކައި އެ ޕާޓީއެއް ވުޖޫދުކުރި ދަ ޑިމޮކްރެޓްސްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.