އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުއަށް، ޗައިނާގެ ރައީސް ޝީ ޖިންޕިން މަރުހަބާ ވިދާޅުވެއްޖެއެވެ.
ޗައިނާގެ ސަފީރު ވަންގް ލިޒިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ގައުމުގެ ރައީސް، މުއިއްޒަށް މަރުހަބާ ދެންނެވުމަށް މެސެޖެއް ފޮނުއްވި ކަމަށެވެ.
ތަހުނިޔާ ފޮނުއްވާ އެ މެސެޖުގައި ޝީ އެދިވަޑައިގެންފައި ވަނީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށެވެ. އަދި މި ގުޅުމަކީ ދެ ގައުމުގެ ދެމެދު ޒަމާނުއްސުރެ ހިނގަމުން އަންނަ ގުޅުމެއްކަން ފާހަގަކުރައްވާ ޝީ ވިދާޅުވީ ޒަމާންވީ ރަހުމަތްތެރިކަމުގެ އިތުރުން ދެ ގައުމަކީ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތްކުރާ ރަނގަޅު ބައިވެރިންކަމަށެވެ.
ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ އިޚްލާޞްތެރިކަމާއި، ދެ ގައުމުގެ މެދުގައި އޮންނަ އިތުބާރާއި، ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ރަޙުމަތްތެރިކަން އިތުރު ހަރުފަތަކަށް ގެންދިޔުމަށް ޝީ ވަނީ އިންތިޚާބީ ރައީސަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އަރުވައިފައެވެ.
ޝީ ވަނީ މުއިއްޒުގެ ވެރިކަމުގައި ރާއްޖެއަށް ފާގަތި މުސްތަގުބަލަކަށް އެދޭ ކަމަށް ވިދާޅުވެފައެވެ.
ރާއްޖެއާއި ޗައިނާއިން ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ އޭޕްރީލް 15، 1972 ގައެވެ. އޭގެ ފަހުން 2013 ވަނަ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވަނީ މިގުޅުން އިތުރަށް ހަރުދަނާ ކޮށްފައެވެ. އޭރު ޑރ. މުއިއްޒު ހުންނެވީ އެ ސަރުކާރުގެ ހައުސިންގ މިނިސްޓަރުގެ ގޮތުގައެވެ.
އިދިކޮޅު ފަރާތްތަކުން، ހާއްސަގޮތެއްގައި ޗައިނާއާއެކު ބޮޑު ވާދަވެރިކަމެއް އޮންނަ އިންޑިއާ އިން ސިފަކުރާ ގޮތުގައި ޑރ. މުއިއްޒުއަކީ "ޕްރޯ ޗައިނާ" ބޭފުޅެކެވެ. ދުނިޔޭގެ ބޮޑެތި ބައެއް މީޑިއާތަކުން ވެސް ޑރ. މުއިއްޒު އިންތިޚާބު ކާމިޔާބުކުރެއްވި ޚަބަރު ގެނެސްދީފައިވަނީ އެފަދައިންނެވެ. އެގޮތަށް ރިޕޯޓްކުރި ނޫސްތަކުގެ ތެރޭގައި ބީބީސީ އާއި ސީއެންއެން އާއި ދަ ގާޑިއެންގެ އިތުރުން އަލް ޖަޒީރާއާއި ވޮޝިންޓަން ޕޯސްޓާ އެހެނިހެން ބޮޑެތި ނިއުސް އެޖެންސީތައް ހިމެނެއެވެ. އަދި، އިންޑިއާގެ މީޑިއާތަކުގައި ވެސް "ހެޑްލައިން" ޖަހާފައިވަނީ ހަމަ އެހެންނެވެ.
މިކަމަށް ރައްދުދެއްވައި ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ، ޚާރިޖީ ގޮތުން ބާއްވަން ޖެހޭ ހުރިހާ ގުޅުމެއް، ވަކި ގައުމެއް ތަފާތުކުރުމެއް ނެތި އެމަނިކުފާނުގެ ވެރިކަމެއްގައި ބާއްވާނެކަމަށާއި، ވަކި ގައުމަކަށް ހާއްސަކަމެއް ދިނުމުގެ ބަދަލުގައި އެމަނިކުފާނު ވެވަޑައިގަންނަވާނީ "ޕްރޯ މޯލްޑިވްސް" ރައީސަކަށް ކަމަށެވެ.
ޑރ. މުއިއްޒު ހޯއްދެވި ކާމިޔާބީއަށް ޗައިނާގެ ރައީސް މަރުހަބާ ވިދާޅުވިއިރު، އެ ކާމިޔާބީއާ ގުޅިގެން އެންމެފުރަތަމަ މަރުހަބާގެ މެސެޖު ފޮނުއްވި ބޭރު ގައުމެއްގެ ވެރިއަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއެވެ. މީގެއިތުރުން އެމެރިކާގެ ރައީސްއާއި، ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަދި ވަލީއަޙުދު ވެސް ވަނީ ޑރ. މުއިއްޒުއަށް މަރުހަބާ ވިދާޅުވެފައެވެ.